އިންޑިއާގެ ޖަރްކަންޑް ސްޓޭޓްގެ ޗަތްރާ ޑިސްޓްރިކްޓުގައި، ކުޑަކުއްޖަކު ރަހީނުކޮށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އާންމުންގެ ބަޔަކު ނުކުމެ މީހަކަށް ހަމަލާދީ މަރާލައިފިއެވެ.
އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަރާލާފައިވާ މީހާގެ ބައްޕަ ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 100 އާއި 150 އާ ދެމެދުގެ އަދަދެއްގެ މީހުން ހިމެނޭ ގްރޫޕަކުން އަންގާރަ ދުވަހު އެ މީހުންގެ ގެއަށް ވަދެގަނެ، ރަށުގެ ކުޑަ އަންހެން ކުއްޖަކު ގަދަކަމުން އެ ގޭގައި ހިފަހައްޓައިގެން ގެންގުޅޭ ކަމަށް ތުހުމަތުކުރި ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ގްރޫޕް ހަދައިގެން މީހަކު މަރާލުމުގެ މައްސަލަތަކުގައި ދައުވާކުރާ މާއްދާތައް ހިމެނޭ ގޮތަށް އެފްއައިއާރްއެއް ރަޖިސްޓްރީކޮށްފައެވެ.
އެ ތުހުމަތުތަކަށް އާއިލާއިން އިންކާރުކުރުމުން، އެއްވެފައިވާ މީހުން އޭނާގެ މައިންބަފައިން ބަނދެ، އަނިޔާކުރަން ފެށި ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އަދި މައިންބަފައިން ސަލާމަތްކުރުމަށް އޭނާ ނުކުތުމުން، އެއްވެފައިވާ މީހުން އޭނާއަށް ގާއާއި މުގުރުން ހަމަލާދިން ކަމަށް ފުލުހުންނަށް ހުށަހެޅި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ހަމަލާދިން ވަގުތު ފުލުހުންގެ ބައެއް އޮފިސަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް މަރާލާފައިވާ މީހާގެ ބައްޕަ ތުހުމަތުކުރެއެވެ.
އޭނާ ބުނި ގޮތުގައި، ހަމަލާގައި ޒަހަމްވި މީހާ ފުލުހުންގެ މަރުކަޒަށް ގެންދިޔަ ކަމަށާއި، އޭނާ މަރުވެފައިވާކަން އާއިލާއަށް އެންގީ އޭގެ ފަހުންނެވެ. މި މައްސަލައިގައި 56 މީހެއްގެ ނަން ފާހަގަކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު، ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައް ރެކޯޑުކޮށް މީސްމީޑިއާގައި ދައުރުކުރަމުންދާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޗަތްރާ ޑިސްޓްރިކްޓްގެ ބްލޮކް ޑިވެލޮޕްމަންޓް އޮފިސަރު (ބީޑީއޯ) ޑިއޯލާލް އޮރާއޮން އިންޑިއަން އެކްސްޕްރެސްއަށް ވިދާޅުވި ގޮތުގައި، މީހަކު މަރާލި މައްސަލައިގައި މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބުތަކާއި ކަން ހިނގައިދިޔަ ގޮތް އިދާރާތަކުން އަދި ކަށަވަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބީޑީއޯ ވިދާޅުވި ގޮތުގައި، ހޯމަ ދުވަހުގެ ރޭ އެ ރަށުން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އަންގާރަ ދުވަހުއެވެ. އަދި އެ ކުއްޖާ ފެނުމުން، މަރާލާފައިވާ މީހާގެ ގޭގައި އޭނާ ގަދަކަމުން ހިފަހައްޓާފައި ހުރި ކަމަށް އެ ކުއްޖާ ބުނި ކަމަށް ރިޕޯޓުތައް ބުނެއެވެ. އާންމުން އެއްވެ އެ ގެއަށް ވަދެގަތީ އެހާހިސާބުން ކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ.
ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވޭތޯ ބެލުމަށްޓަކައި ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހެދުމަށް ފޮނުވާފައިވާ ކަމަށާއި، ތުހުމަތުތަކާ ގުޅޭގޮތުން ވަކި ގޮތެއް ނިންމާނީ އެ ރިޕޯޓުތައް ލިބުމުން ކަމަށް ބީޑީއޯ ވިދާޅުވިއެވެ. ސަރަހައްދުގެ އިސް އޮފިޝަލަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުއްޖާ ރަހީނުކޮށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުތައް އަދި ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.
މީގެ އިތުރުން، ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، މަރާލާފައިވާ މީހާއަކީ 2023 ވަނަ އަހަރު ރޭޕްގެ މައްސަލައެއްގައި ޖަލަށްލާފައިވާ މީހެކެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
