މި ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ކަންކަން ނިންމުމުގެ ފެންވަރު ސާފުކޮށް ފެންނާނީ މާލޭގެ ބޮޑުތަކުރުފާނު މަގު ގެ މަސައްކަތްތަކުން ކަމަށާއި، އަމީނީ މަގުގެ މަސައްކަތުން ފެންނަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށް މިނިސްޓާ ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރީގެ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސްގެން ކަމަށެވެ. އަދި އެފަދަ ބޮޑު މަޝްރޫއެއް އެގޮތަށް ކުރިއަށް ގެންދަން ނިންމީ ކޮން އުސޫލަކުން ނުވަތަ ކޮން ފަންނީ ދިރާސާއަކަށް ބަލައިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އަމީނީ މަގުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް، މަގު މުޅިން ބަންދުކޮށްފައި ނުބޭއްވުމަށާ، އާންމުންނަށް ލިބެމުންދިޔަ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މި ސަރުކާރުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅައި އެ މަސައްކަތް އެކީ ނިންމާލުމުގެ ފުރުސަތު ދީފައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމްޓީސީސީން ހަދާފައިވާ މަގުތަކާއި އާރުޑީސީން އަމިއްލައަށް ތާރުއެޅުމުގެ ކެޕޭސިޓީ ހުރި ކަމަށް ނިންމައިގެން ކުރި މަސައްކަތުގެ ތަފާތު މިއަދު އަމީނީ މަގުން ސާފުކޮށް ފެންނަނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އާރުޑީސީއާ 84.4 މިލިއަން ރުފިޔާ އަށް ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް ނިމުނު ނަމަވެސް، ވަޅުގަނޑުތައް ހެދި، ތާރުގަނޑު ހަލާކުވަމުންދާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާއިރު، އެމްޓީސީސީ މެދުވެރިކޮށް އެ ބައިތައް މަރާމާތުކުރުމަށް ސާވޭ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
