ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމަކީ، އެތައް ގަޑިއިރެއްގެ ދިރާސާތަކާއި މަޝްވަރާތަކަށްފަހު ވަރަށް ފުންކޮށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި އެއީ އެއްގޮތަކަށް ވެސް ލުއިކޮށް ނެންގެވި ނިންމެވުމެއް ނޫން ކަމަށް މިނިސްޓާ ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، މިނިސްޓަރު މުއްތަލިބު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސޮއިކުރުމުގެ ފަހަތުގައި އެތައް ގަޑިއިރެއްގެ ދިރާސާތަކާއި، ތަޖުރިބާ ހޯދުމުގެ ދަތުރުތަކުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި ތަސައްވުރާ އެއްގޮތަށް ކަންކަން ބައްޓަންކުރުމަށް އެމަނިކުފާނާއެކު ކުރެވުނު ދިގު މަޝްވަރާތައް ހިމެނޭ ކަމަށެވެ. މީގެއިތުރުން ސަރުކާރުގެ އިސް ވެރިންނާއި ފަންނީ މާހިރުންގެ ލަފަޔާއެކު، މި މަޝްރޫއުން ރާއްޖެއަށް ކުރާނެ ހަގީގީ މަންފާތަކާ މެދު ވަރަށް ބޮޑަށް ވިސްނަވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ރީތިކަމުން އުފެދޭ އިގުތިސާދީ މަންފާ، މިހާތަނަށް ދިވެހިންނަށް ލިބިފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ލިބުމަކީ ދިވެހިންނަށް ހައްގު މިންވަރެއް ކަމަށެވެ. އަދި މި މަޝްރޫއަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ބޮޑު އާމްދަނީއެއް ލިބޭ މުއްސަނދި ގައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށާއި، މި މަސައްކަތް ކާމިޔާބު މަޝްރޫއަކަށް ވުމަށް އެދި ދުއާ ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރިއިރު، ދުނިޔޭގެ އެންމެ އުސް އިމާރާތް "ބުރުޖް ޚަލީފާ" ތަރައްގީކުރި އެމާރް ޕްރޮޕަޓީސްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލަބާރުގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއްގައި ހިންގުމަށް ހުށަހަޅާފައިވާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ.

ވެރިރަށް މާލެއިން ސްޕީޑްބޯޓުގައި އެންމެ 17 މިނެޓުން ދެވޭ ހިސާބުގައި އޮތް ފުށިދިއްގަރު ފަޅަކީ މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ އިތުރުން، ރާއްޖޭގެ އިގުތިސާދު ފުޅާކޮށް ސިންދަފާތު ކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއެވެ. ޖުމްލަ 1،100 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި 65،000 ހައުސިން ޔުނިޓާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާތައް ގާއިމުކުރެވިގެންދާނެއެވެ.

މި ބޮޑު އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ސާފު ބޭރުގެ އިންވެސްޓްމަންޓް ލިބި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި މަޝްރޫއު ފުރިހަމަވުމުން، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ގައުމީ އާމްދަނީއަށް އަހަރަކު 2 ބިލިއަނަށް ވުރެ ގިނަ ޑޮލަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފާހަގަކޮށްލެވޭ ބިޔަ މަޝްރޫއުތައް ހިންގާފައިވާ އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ މި މަޝްރޫއަކީ، ފުށިދިއްގަރު ފަޅުގެ މަންޒަރު ބަދަލުކޮށްލައި، ރާއްޖޭގެ އިގުތިސާދީ މުސްތަގުބަލު އާ ހަރުފަތަކަށް އުފުލައިދޭނެ ތާރީހީ ބޮޑު މަޝްރޫއުއެކެވެ.