ސަރުކާރުން މިހާރު ފަށާފައިވާ ތަރައްގީގެ އެކި މަޝްރޫއުތައް ނިންމާލުމަށްޓަކައި 58.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މި ތަފްސީލުތައް ހިއްސާކުރެއްވީ، މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކުގެ ހަރަދުތަކާއި މި އަހަރުގެ ބަޖެޓުން އެކަންކަމަށް ޖާގަދީފައިވާ ގޮތާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ސާފުކުރެއްވި ސުވާލުތަކަށް ދެއްވި ލިޔުމުން ދެއްވި ޖަވާބުގައެވެ. މަޖިލީހުގެ މެންބަރު އެދިވަޑައިގެންފައިވަނީ މި މަޝްރޫއުތަކަށް ބޭނުންވާ ޖުމްލަ ފައިސާގެ އަދަދާއި، މިއަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައެޅިފައިވާ މިންވަރު އޮޅުންފިލުވުމަށެވެ.

މެންބަރުގެ ސުވާލަށް ރައްދު ދެއްވަމުން މިނިސްޓަރު މުއްތަލިބު ބަޔާންކުރެއްވީ، ހިނގަމުންދާ މަޝްރޫއުތައް ކޮޅެއްގައި ޖެއްސުމަށް ގާތްގަނޑަކަށް 58،831،473،267 ރުފިޔާ ބޭނުންވާނެ ކަމަށެވެ. އަދި މި އަހަރު ބަޖެޓު އެކުލަވާލެވިފައިވަނީ 'ޕްރޮގްރާމް ބަޖެޓު' އުސޫލުން ކަމަށްވާތީ، ވަކިވަކި މަޝްރޫއުތަކަށް ވަކި ހާއްސަ އަދަދުތަކެއް ކަނޑައަޅާފައި ނޯންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، މަސައްކަތްތައް ކުރިއަށްގެންދަން އެކުލަވާލާފައިވާ ތާވަލާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ހަމަޖައްސައިދެމުން ގެންދާނީ ފިނޭންސް މިނިސްޓްރީން ކަމަށްވެސް މިނިސްޓަރުގެ ޖަވާބުގައި ބަޔާންކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެކި ސަރަހައްދުތަކުގައި ތަރައްގީކުރަމުން އަންނަ ފަސް އެއާޕޯޓެއްގެ މަސައްކަތްވެސް މިހާރު ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވައިގެ ބަނދަރުތަކުގެ މި މަޝްރޫއުތަކަށް މިހާރު ލަފާކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ނުބެލެވޭ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.