ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރެންސީ އެކްސްޗޭންޖު، ބައިނޭންސް އަށް އަމާޒުކޮށް ހިންގި ސައިބާ ހަމަލާގެ ފަހަތުގައިވަނީ އުތުރު ކޮރެއާއާ ގުޅުން އޮތް 'ޓްރޭޑާޓްރެއިޓާ' ކިޔާ ގުރޫޕަކުން ކަމުގައި އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބައިބިޓް ޕްލެޓްފޯމުން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ގްރޫޕެވެ.

ޑިޖިޓަލް ފައިސާގެ ތާރީހުގައި ވެސް ހިންގާފައިވާ އެންމެ ބޮޑު ވައްކަމުގައި ބައިނޭންސްގެ ވޮލެޓުތަކުން 6.3 ބިލިއަން އެމެރިކާ ޑޮލަރުވަނީ ވަގަށް ނަގާފައެވެ. އެކި ބްލޮކްޗެއިން ނެޓްވޯކްތަކުގައި ހުރި ބައިނޭންސްގެ ވޮލެޓުތަކުން މިހާ ބޮޑު އަދަދެއްގެ ފައިސާ ގެއްލިފައިވަނީ އެންމެ 20 މިނެޓެއްހާއިރުގެ ތެރޭގައިކަމަށް ތަހުގީގީ އިދާރާތަކުން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ ބައިނޭންސް އަށް ކުރިމަތިވި 6.3 ބިލިއަން ޑޮލަރުގެ ބޮޑު ހެކް ހަމަލާއިން ގެއްލުނު ފައިސާގެ 90 ޕަސެންޓް ޓޯކަންސް ކުންފުނީގެ ފައިސާއިން ގަނެ މިހާރު އިއާދަކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި 10 ޕަސެންޓް ފައިސާވެސް ކަސްޓަމަރުންނަށް ގެއްލުމެއް ނުވާނެހެން ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން ވަގުތީގޮތުން ފައިސާ ނެގުން މެދުކަނޑާލާފައި އޮތުމަށްފަހު، މަރުހަލާތަކަކަށް ބަހާލައިގެން އަލުން ފައިސާ ނެގުމުގެ ފުރުސަތު ދޭން ފަށާފައިވާ ކަމަށް ބައިނޭންސްއިން ހާމަކޮށްފައިވެއެވެ.

އެފްބީއައި އިން ހާމަކޮށްފައިވާ ގޮތުގައި، ހެކަރުން ވަނީ ވަގަށް ނެގި ފައިސާ އެތީރިއަމްއަށް ބަދަލުކޮށްފައެވެ. އަދި މި ފައިސާ ދެން ލޯންޑާކުރުމަށްޓަކައި ޑިސެންޓްރަލައިޒްޑް ފައިނޭންސް އަދި އިންސްޓަންޓް ސްވޮޕް ހިދުމަތްތައް ބޭނުންކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. މި ހެކަރުން ފައިސާ ލޯންޑާކުރަން ބޭނުންކުރާކަމަށް ބެލެވޭ އެޑްރެސްތަކާ އެކު ހިންގާ މުއާމަލާތްތައް ހުއްޓުވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އަމިއްލަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެފްބީއައި އިން ވަނީ އިލްތިމާސްކޮށްފައެވެ.