އިންޑިއާގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ގައުމީ ކެމްޕޭނެއް އިފްތިތާހުކޮށްދެއްވައި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ ޒުވާނުންނަކީ ބަލިކަށި ބައެއް ނޫން ކަމަށާއި އެއީ ހަގީގީ ބަތަލުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ވަޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މޯދީ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ސަބަބުން ވަގުތީ އުފަލެއް ލިބުނު ނަމަވެސް، އޭގެ ސަބަބުން އާއިލީ އަދި މަސައްކަތުގެ މާހައުލު ހަލާކުވެގެންދެއެވެ. އަދި މުޖުތަމައުގެ ތެރޭގައި އޮންނަ ގަދަރު ކުޑަވެދާނެތީ، އާއިލާތަކުން ކުދިންގެ މިފަދަ މައްސަލަތައް ސިއްރުނުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އޭގެ ބަދަލުގައި މާހިރުންގެ އެހީތެރިކަން ހޯދުމަށާއި، ކުދިންނާ ގާތުން ވާހަކަދެއްކުމުގެ ސަގާފަތެއް އާލާކުރުމަށް ބޮޑުވަޒީރު އިލްތިމާސްކުރެއްވިއެވެ.
މޯދީ އިފްތިތާހުކޮށްދެއްވީ ތަރައްގީވެފައިވާ އިންޑިއާއަކަށް އަމާޒުކޮށް، މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޒުވާނުން ބިނާކުރުމަށް ފެށި “ނަޝާ މުކްތު ޔުވާ ފޯ ވިކްސިތު ބާރަތު ސަންކަލްޕް އަބިޔާން” އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އެކި ސްޓޭޓްތަކުގެ ޗީފް މިނިސްޓަރުންނާއި، ގަވަރުނަރުންނާއި، ދީނީ އިސް ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ. އިންޑިއާއިން ތަރައްގީވެފައިވާ ގައުމަކަށް ވުމަށް އަމާޒު ހިފާފައިވާއިރު، ގައުމުގެ ޒުވާނުންނަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވުން މުހިންމު ކަމަށް މޯދީ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނާ މެދު މުޖުތަމައުން ދެކޭ ގޮތް ބަދަލުކުރުމަށް ގޮވާލައްވަމުން މޯދީ ވިދާޅުވީ، އޮޅުމަކުން ނަމަވެސް އެފަދަ ކަމެއްގެ ތެރެއަށް ވަދެވިފައިވާ ޒުވާނަކަށް ހުރިހާ ދޮރުތަކެއް ބަންދުވީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެފަދަ ކުދިންނަށް މުޖުތަމައުން އިހުތިރާމުކޮށް، ދެވަނަ ފުރުސަތެއް ދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި މުޖުތަމައުގެ އެހީތެރިކަމުގެ އިތުރުން ޔޯގާއާއި މެޑިޓޭޝަން ފަދަ ކަންކަމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިންޑިއާގެ އުތުރު-އިރުމަތީ ސަރަހައްދުތަކާއި ޕަންޖާބުގައި މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުން މި މައްސަލަ ބޮޑު މައުޟޫއެއްގެ ގޮތުގައި ނަގާނެ ކަމަށް ބެލެވެއެވެ. މޯދީ ވިދާޅުވި ގޮތުގައި، އިންޑިއާއާ ދެކޮޅުވެރި ގައުމުތަކުން ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ރޭވުންތަކުގެ ތެރޭގައި މަސްތުވާތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. އެއީ ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލު ކަމަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ކެމްޕޭން ކުރިއަށް އޮތް 100 ހަފުތާއަށް ކުރިއަށްދާނެއެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު އާޓާއި، ސަގާފަތާއި، ކުޅިވަރާއި، މެޑިޓޭޝަން އަދި ދީނީ ކަންކަމާ ގުޅޭ ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މޯދީ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް މުޅި ގައުމުގައި ހަރުކަށި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެގޮތުން ހައްޔަރުކުރާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށާއި، އެތައް ހާސް ކްރޯޑް ރުޕީސްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
