އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ރާމްޕޫރުގައި ހުންނަ މުހައްމަދު އަލީ ޖައުހަރު ޔުނިވާސިޓީގެ 40 އިމާރާތުގެ ތެރެއިން 38 އިމާރާތެއް ތަޅާލަން އެ ސަރަހައްދުގެ އިދާރާތަކުން އެންގުމާ ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންނާއި އިސްދަރިވަރުން މުޒާހަރާކުރަން ފަށައިފިއެވެ.

ރާމްޕޫރު ޑިވެލޮޕްމަންޓް އޮތޯރިޓީ (އާރްޑީއޭ) އިން ޖުލައި 15 ވަނަ ދުވަހު ނެރުނު އަމުރުގައި އަންގާފައިވަނީ، ގަވާއިދާ ހިލާފަށް ހަދާފައިވާ ކަމަށް ބުނާ އިމާރާތްތައް އޮގަސްޓް 5 ގެ ނިޔަލަށް ތަޅާލުމަށެވެ. އެ އިދާރާއިން ބުނާ ގޮތުގައި، ޔުނިވާސިޓީގައި ހުއްދަ ނަގައިގެން އިމާރާތްކޮށްފައިވަނީ މެޑިކަލް ކޮލެޖް ބްލޮކް ހިމެނޭ ގޮތަށް އެންމެ ދެ އިމާރާތެވެ.

ސްޓޭޓް ސަރުކާރުން ހޯމަ ދުވަހު ވަނީ މި އަމުރަށް ވަގުތީ ހުއްޓުމެއް ގެނެސްފައެވެ. ނަމަވެސް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޒަހީރުއްދީން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މީގެ މާނައަކީ އިމާރާތްތައް ތަޅާލުން އެއްކޮށް ހުއްޓާލުން ނޫން ކަމަށާއި، މިއީ ހަމައެކަނި އޮގަސްޓް 5 ގެ ސުންގަޑިއަށް އަމަލުކުރުން ފަސްކުރުން ކަމަށެވެ. އަދި ޔުނިވާސިޓީން މިހާރު މަސައްކަތްކުރަމުން ދަނީ ތަޅާލުމުގެ އަމުރު އެއްކޮށް ބާތިލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޔުނިވާސިޓީއަކީ އިންޑިއާގެ ފާހަގަކޮށްލެވޭ މުސްލިމް ސިޔާސީ ލީޑަރެއް ކަމަށްވާ އާޒަމް ހާން ބިނާކުރެއްވި ތަނެކެވެ. އޭނާ 2003 ވަނަ އަހަރު އުފެއްދެވި މުހައްމަދު އަލީ ޖައުހަރު ޓްރަސްޓުގެ ދަށުން މި ޔުނިވާސިޓީ ގާއިމުކުރީ އޭގެ ތިން އަހަރު ފަހުންނެވެ. އުމުރުން 77 އަހަރުގެ އާޒަމް ހާންއަކީ ސަމާޖްވާދީ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި، އަދި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އެކި މައްސަލަތަކުގައި ކުށް ސާބިތުވެ، އޭނާ މިހާރު ހުންނެވީ ޖަލު ހުކުމެއްގައެވެ.

ޔުނިވާސިޓީ ތަޅާލަން އުޅެނީ ސިޔާސީ މަގުސަދެއްގައި ކަމަށް އާޒަމް ހާންއަށް ތާއީދުކުރާ ފަރާތްތަކުންނާއި ސަމާޖްވާދީ ޕާޓީން ތުހުމަތުކުރެއެވެ. ސަމާޖްވާދީ ޕާޓީގެ މެންބަރު ޖާވިދު އަލީ ހާން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މިއީ ބަދަލުހިފުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެކެވެ. އަދި މިއީ އާޒަމް ހާން ބިނާކުރެއްވި މައިނޯރިޓީ ޔުނިވާސިޓީއަކަށް ވާތީ އަމާޒުކޮށްގެން ދޭ ހަމަލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބީޖޭޕީގެ ތަރުޖަމާނު ރާކޭޝް ތްރިޕާޓީ ވިދާޅުވީ، މިއީ ގަވާއިދާ ހިލާފަށް ހަދާފައިވާ އިމާރާތްތަކަކަށް ވާތީ ގާނޫނީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ.

250 އޭކަރުގެ ބިމެއްގައި ހަދާފައިވާ މި ޔުނިވާސިޓީގައި 3،000 އެއްހާ ދަރިވަރުން ކިޔަވަމުންދެއެވެ. ޔުނިވާސިޓީގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މީގެ ތެރެއިން ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކީ އަންހެން ދަރިވަރުންނެވެ. އަދި ދަރިވަރުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ހިންދޫންނެވެ. ޔުނިވާސިޓީ ތަޅާލައިފިނަމަ އެހެން ތަނަކުން ކިޔެވުމުގެ ފުރުސަތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުން އަންހެން ދަރިވަރުން ވަނީ ފާޅުކޮށްފައެވެ.

ޖުލައި 15 އިން ފެށިގެން ޔުނިވާސިޓީގެ މައި ދޮރޯށި ކައިރީގައި ދަރިވަރުން ދަނީ މުޒާހަރާކުރަމުންނެވެ. މުޒާހަރާކުރާ ބައެއް ދަރިވަރުން ބުނާ ގޮތުގައި، މުޒާހަރާ ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ފުލުހުން ދަނީ އެ ކުދިންގެ ގެތަކަށް ގޮސް އާއިލާތަކަށް ބިރުދައްކަމުންނެވެ. މި މައްސަލައިގައި ޔުނިވާސިޓީން އާރްޑީއޭގެ އަމުރު ގާނޫނީ ގޮތުން ގޮންޖަހާފައިވާއިރު، ކެމްޕަހުގައި ކުރިއަށްދާ މުޒާހަރާތައް އަދިވެސް ހުއްޓާލާފައެއް ނުވެއެވެ.