އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްގައި ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައަކާ ގުޅިގެން އެ ގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެށިއްޖެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން އުފެދުނު ރުޅިވެރިކަމުގެ ތެރޭގައި އާންމުންގެ ބަޔަކު ވަނީ ކުށެއް ނެތް މީހަކު މަރާލާފައެވެ. އަދި ކުޑަކުއްޖާ ރޭޕްކުރުމުގެ ތުހުމަތުވި މީހާ ފުލުހުން ވަނީ ބަޑިޖަހާ މަރާލައިފައެވެ.

އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 12 އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އާދީއްތަ ދުވަހު ވެސްޓް ބެންގޯލްގެ ބަރޫއިޕޫރުގެ ފެންގަނޑެއްގެ ތެރެއިންނެވެ. އޭގެ ކުރީ ދުވަހު އެ ކުއްޖާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެއެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުއްޖާ ވަނީ ރޭޕްކޮށްފައެވެ. ކުއްޖާގެ ހަށިގަނޑު ނަގާ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މި ހާދިސާއާ ގުޅިގެން ރުޅިގަދަވެފައިވާ އާންމުން ވަނީ މަގުތަކަށް ނުކުމެ، ފިހާރަތަކަށާއި ރޭލު ދަތުރުކުރާ މަގުތަކަށް ގެއްލުންދީފައެވެ. ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުށްކުރި ކަމަށް ތުހުމަތުކޮށް އާންމުންގެ ބަޔަކު ވަނީ މީހަކަށް އަނިޔާކޮށް މަރާވެސް ލައިފައެވެ. ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު ސުވެންދޫ އަދިކާރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާންމުން މަރާލި މީހާއަކީ އެއްވެސް ކުށެއް ނެތް މީހެއް ކަމަށެވެ. އަދި އެ މީހާއަށް ވެސް އިންސާފު ލިބޭނެ ކަމަށާއި، ފުލުހުންގެ އުޅަނދުތަކަށާއި ރޭލު މަގުތަކަށް ގެއްލުންދިން 200 އެއްހާ މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މައިގަނޑު މީހާ މަރުވެފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހިނގި ބަޑީގެ ހަމަލާތަކެއްގައެވެ. އިންޑިއާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ކަމަށްވާ “ނިއުސް އޮން އެއާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަހުގީގުގެ ބޭނުމަށް ކުށް ހިނގި ގޮތް ދެނެގަތުމަށް މަސައްކަތްކުރަމުން ދަނިކޮށް، އެ މީހާ ވަނީ ފުލުހެއްގެ އަތުން ބަޑިއެއް އަތުލައި އެއް ފަހަރު ބަޑިޖަހާފައެވެ. އަދި ފިލަން މަސައްކަތްކުރުމުގެ ތެރޭގައި ހިނގި ހަމަލާބަދަލުކުރުންތަކުގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބި، ފަހުން މަރުވެފައިވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އިންޑިއާގައި އަންހެނުންނަށް ކުރާ އަނިޔާތަކާއި ރޭޕްގެ މައްސަލަތަކަކީ އެތައް އަހަރެއް ވަންދެން ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެކެވެ. ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެކަނިވެސް 29،536 ރޭޕްގެ މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ މާ ބޮޑުވާނެއެވެ. ވޯލްޑް އިކޮނޮމިކް ފޯރަމްގެ 2025 ވަނަ އަހަރުގެ ޖެންޑާ ގެޕް ރިޕޯޓުގައިވާ ގޮތުން، އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި 148 ގައުމުގެ ތެރެއިން އިންޑިއާ އޮތީ 131 ވަނައިގައެވެ.

މުޖުތަމައުގައި ހުރި ބައެއް އާދަކާދަތަކުގެ ސަބަބުން މިފަދަ މައްސަލަތައް ހައްލުކުރުމަށް ހުރަސްއެޅޭ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. މީގެ ތެރޭގައި ފިރިހެން ކުދިންނަށް އިސްކަންދިނުމާއި، އަންހެން ކުދިން އެބޯޓުކުރުން ފަދަ ކަންކަން ހިމެނެއެވެ. މީގެ ކުރިން 2012 ވަނަ އަހަރު އުމުރުން 23 އަހަރުގެ މެޑިކަލް ދަރިވަރަކު ގޭންގް ރޭޕްކޮށް މަރާލި ހާދިސާއާ ގުޅިގެން އިންޑިއާގެ ގާނޫނުތައް ހަރުކަށިކުރި ނަމަވެސް، މިފަދަ ކުށްތައް މަދުވެފައިނުވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބަރޫއިޕޫރުގައި ހިނގި މި ހާދިސާއާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ވެސްޓް ބެންގޯލްގެ ވެރިކަން 15 އަހަރު ވަންދެން ކުރި އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސްއިން ވަނީ، އަންހެނުންނާއި ކުޑަކުދިން ހިމާޔަތްކުރުމަށް މިހާރު ވެރިކަމުގައި އޮތް ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެފައެވެ. ބީޖޭޕީން ވެސްޓް ބެންގޯލްގެ ލޯކަލް އެޑްމިނިސްޓްރޭޝަންގެ ކޮންޓްރޯލް ނަގާފައިވަނީ މިދިޔަ މެއި މަހު ބޭއްވި އިންތިހާބަށް ފަހުގައެވެ. ޓްރިނަމޫލް ކޮންގްރެސްގެ ތުހުމަތުތައް ބީޖޭޕީގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.