އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ހަށިކޮޅު، އެ ގައުމުގެ މަޝްހަދުގައި ހުންނަ އިމާމް ރިޒާގެ ޒިޔާރަތުގައި ފަސްދާނުލައިފިއެވެ. އޭނާ ފަސްދާނުލާފައިވަނީ އީރާނާއި އިރާގުގެ ފަސް ޝަހަރެއްގައި ހަ ދުވަސް ވަންދެން ކުރިއަށްގެންދިޔަ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުތަކަށް ފަހުގައެވެ.

ހާމަނާއީ އަވަހާރަވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އޭނާގެ ގެކޮޅަށް އިޒްރޭލުން ދިން ހަމަލާއެއްގައެވެ. މިއީ އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް އީރާނުން ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހެވެ. މި ހަމަލާގައި ހާމަނާއީގެ އާއިލާގެ ބައެއް މެންބަރުންވެސް ވަނީ އަވަހާރަވެފައެވެ.

އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ، އައިއާރުއެންއޭ އިން ބުނި ގޮތުގައި، ހާމަނާއީގެ ޖަނާޒާގެ ކަންކަން ކުރިއަށްދިޔައީ އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތަކެއް ބަދަލުކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ޓީވީތަކުން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ކަޅު ހެދުމުގައި ތިބި އެތައް ހާސް ބަޔަކު ވަނީ މަޝްހަދުގެ މައި މަގުތަކަށް ނުކުމެފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އީރާނުގެ ދިދަތަކާއި ބަދަލުހިފުން ރަމްޒުކޮށްދޭ ރަތް ކުލައިގެ ބެނާތައް ހިފައިގެން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަނާޒާގައި ބައިވެރިވި ބައެއް މީހުން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަރުގެ އަދަބު ދިނުމަށް ގޮވާލައި ލިޔުންތައް އުފުލާފައެވެ.

އޭއެފްޕީ ނޫސް އެޖެންސީއަށް މައުލޫމާތު ދިން 35 އަހަރުގެ އަންހެނަކު ބުނި ގޮތުގައި، ލީޑަރު ގެއްލުމުގެ ހިތާމަ މައިންބަފައިން ގެއްލުމަށްވުރެ ބޮޑެވެ. އަދި އެ ހިތާމައަށް ތަސައްލީއެއް ލިބޭނީ ޓްރަމްޕާއި ނަތަންޔާހޫ މަރުވުމުން ކަމަށް އޭނާ ބުންޏެވެ.

ހާމަނާއީ އަވަހާރަވުމާ ގުޅިގެން ސުޕްރީމް ލީޑަރުގެ މަގާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަލުން މުޖުތަބާއެވެ. ނަމަވެސް، ހާމަނާއީ އަވަހާރަވި ހަމަލާގައި އުމުރުން 56 އަހަރުގެ މުޖުތަބާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައި ވާއިރު، އޭގެ ފަހުން އޭނާ އާންމު ތަންތަނުން ފެނިފައެއް ނުވެއެވެ. އަދި ތެހެރާނާއި ގޮމްގައި ބޭއްވި ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުތަކުގައިވެސް އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޖަނާޒާގެ ކަންކަން ކުރިއަށްދިޔައިރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ތެހެރާނުން މަޝްހަދަށް ދަތުރުކުރާ ރޭލު މަގުގެ ދެ ބްރިޖަކަށް އެމެރިކާއިން ބޮމުގެ ހަމަލާދީފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅީގައި ވިޔަފާރި ބޯޓުފަހަރަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ އެމެރިކާއިން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، ކުވައިތާއި ބަހްރެއިން އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވެއެވެ.

މީގެ ތިން ހަފުތާ ކުރިން އެމެރިކާއާއި އީރާނާ ދެމެދު ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، އެ ފަހުމުނާމާ މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.