އެމެރިކާއިން ޖެހިޖެހިގެން ދެވަނަ ރެއަކަށް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ދިން މި ހަމަލާތަކަކީ ވިޔަފާރި ބޯޓަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން ދިން ދެވަނަ ރައްދެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ ރައީސްގެ ސީދާ އަމުރުފުޅުގެ ދަށުން ކަމަށެވެ. މިގޮތުން އީރާނުގެ އަސްކަރީ ސަވައިލަންސް އިންފްރާސްޓްރަކްޗާ، މުވާސަލާތީ ނިޒާމުތައް، ވައިގެ ދިފާއީ މަރުކަޒުތައް އަދި ޑްރޯން ރައްކާކުރާ ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ދެކުނުގައި އޮންނަ ސިރިކް ބަނދަރު ކައިރީގައިވާ ތަހްރޫއީ އަވަށަށާއި ގޭޝްމް ރަށަށެވެ. ހުކުރު ދުވަހުގެ ރޭވެސް އެމެރިކާއިން ވަނީ ސިރިކް ސަރަހައްދަށް ހަމަލާދީފައެވެ.
ހަމަލާތައް ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީސްމީޑިއާގައި އިންޒާރުގެ މެސެޖެއް އާންމުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ޝަރުތުތަކަށް އީރާނުން ބޯނުލަނބައިފިނަމަ މިއަށްވުރެ ވަރުގަދަ ހަމަލާތަކެއް ދޭނެއެވެ. އަދި އެމެރިކާއިން ފެށި މަސައްކަތް އަސްކަރީ ގޮތުން ނިންމާލަން ޖެހިއްޖެ ހާލަތެއްގައި، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ދެން ވުޖޫދުގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހޮނިހިރު ދުވަހުގެ ހަމަލާތަކުގެ އަސްލަކީ ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ޕެނަމާގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ކީކޫ" އަށް ދިން ޑްރޯން ހަމަލާއެކެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި، ދެ މިލިއަނަށްވުރެ ގިނަ ފީފާގެ ސާފުނުކުރާ ތެޔޮ އުފުލަމުންދިޔަ މި ބޯޓަށް ހަމަލާދީފައިވަނީ އަމާޒަށް ގޮސް ގޮވާ ޒާތުގެ ޑްރޯނަކުންނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ތެޔޮ ލީކުވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ބުރާސްފަތި ދުވަހު ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންޓެއިނާ ބޯޓެއް ކަމަށްވާ "އެވަރ ލަވްލީ" އަށްވެސް ހުރުމުޒް ކަނޑުއޮޅިން ޑްރޯން ހަމަލާއެއް ދީފައިވެއެވެ.
މި ހަމަނުޖެހުންތަކުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ 20 އިންސައްތަ ދަތުރުކުރާ ހުރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމުގެ މައްސަލައެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން އީރާނުން ވަނީ މި ކަނޑުއޮޅި ބަންދުކޮށްފައެވެ. ނަމަވެސް ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން، 60 ދުވަހުގެ މުއްދަތަކަށް ވިޔަފާރި ބޯޓުފަހަރަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ތަންފީޒުކުރުމުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރި ނަމަވެސް، ކޮންމެ ބޯޓަކުންވެސް އީރާނުގެ ހުއްދަ ހޯދަން ޖެހޭނެއެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ އޮމާންގެ ސަރަހައްދުން ދަތުރުކުރާނަމަ އީރާނުގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.
ތެހެރާން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ހަސަން އަހްމަދިއާން ފާހަގަކުރެއްވި ގޮތުގައި، އީރާނުން ބޯޓުފަހަރުގެ ހުއްދަ ހޯދުމަށް ބާރުއަޅަނީ ދިފާއީ ފިޔަވަޅެއްގެ ގޮތުންނެވެ. ސަބަބަކީ ހުއްދަ ނުހޯދާ ދަތުރުކުރާ ބޯޓުތަކަކީ އަސްކަރީ އުޅަނދުތަކަކަށް ވެދާނެކަމުގެ ބިރު އޮތުމުންނެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ކުރީގެ އޮފިސަރެއް ކަމަށްވާ ހާރލަން އުލްމަން ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ވަރަށް ނާޒުކު އެއްބަސްވުމެކެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން މަސްރަހު ގޯސްވެ، ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެމެރިކާގެ ކޮންގްރެސްގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ، ރައީސް ޓްރަމްޕްގެ މި އަމަލުތަކަކީ ދާދި ފަހުން ފާސްކުރި ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރާ ހިލާފު އަމަލުތަކެއް ކަމަށް ބުނެފައެވެ. ކެލިފޯނިއާ ތަމްސީލުކުރައްވާ މެންބަރު ރޯ ކަންނާ ވިދާޅުވި ގޮތުގައި، މި ހަމަލާތައް ވަގުތުން ހުއްޓާނުލައިފިނަމަ، ރައީސް ޓްރަމްޕާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެއެވެ.
