ރާއްޖޭގައި އަލަށް ބިނާކުރާ ނަފްސާނީ ބަލިތަކަށް ހާއްސަ މެންޓަލް ހޮސްޕިޓަލް މާލެ ސަރަހައްދުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވީ، އެންމެ ގިނަ ބަޔަކު ފަރުވާ ހޯދަމުންދާ ސަރަހައްދަކީ މިއީ ކަމަށްވާތީ ކަމަށް ސިއްހަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގެ އެހެން ސަރަހައްދެއްގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ވަކި ދިރާސާއެއް ހަދާފައި ނެތް ނަމަވެސް، މިހާރުގެ ތަފާސްހިސާބުތަކުން މި ސަރަހައްދުގެ މުހިންމުކަން ހާމަވާ ކަމަށެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ޖުމްލަ 70،000 ނަފްސާނީ ފަރުވާގެ ކޮންސަލްޓޭޝަން ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރެއިން 45،000 އަށްވުރެ ގިނަ ފަރުވާ ފޯރުކޮށްދީފައިވަނީ މާލެ ސަރަހައްދުގައެވެ. މީގެ އިތުރުން، މި ހިދުމަތަށް ބޭނުންވާ މައިގަނޑު ވަސީލަތްތަކާއި މާހިރުންވެސް އެންމެ ގިނައީ މި ސަރަހައްދުގައިކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދި 60 މީހަކު މުޖުތަމައަށް އަލުން ނެރެވިފައިވާ ކަމަށާއި، މިދިޔަ އަހަރު ތައާރަފުކުރި ހެލްޕްލައިނަށް 10،000 އަށްވުރެ ގިނަ ކޯލު ލިބި، އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ގީލާ އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި ބިނާކުރާ ހޮސްޕިޓަލަކީ ޒަމާނީ ވަސީލަތްތަކާއެކު ނަފްސާނީ ބަލިތަކަށް ފުރިހަމަ ޝިފާއެއް ލިބޭނެފަދަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ވެގެންދާނެ ކަމަށެވެ
