ގިނަ އަދަދެއްގެ ނޭޕާލް ފައިސާއާ އެކު ދިވެހި ފިރިހެނަކާއި އެ ގައުމުގެ އަންހެނަކު ކަތުމަންޑޫން ހައްޔަރުކޮށްފި އެވެ.
ނޭޕާލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހުންނަ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ފާސްކޮށް ބުދަ ދުވަހުގެ މެންދުރު ހައްޔަރުކުރީ ގއ. ވިލިނގިލި، އަލިތަރި، އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމާއި، އެ ސަރަހައްދުގައި ދިރިއުޅޭ ނޭޕާލްގެ އުމުރުން 20 އަހަރުގެ ސްނޭހާ ރިމާލް އެވެ.
މި އޮޕަރޭޝަން ހިންގީ ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ލައިންޗޯރު ޕޮލިސް ސާކަލްގެ ޓީމަކުންނެވެ. އެ ދެ މީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު ފެނުނު ފައިސާތަކުގެ ތެރޭގައި ހިމެނެނީ:
- 5.05 މިލިއަން ނޭޕާލީ ރުޕީސް
- 4،215 އޮމާނީ ރިޔާލް
- 55 ޔޫއޭއީ ދިރުހަމް
ފުލުހުން އަތުލައިގަތް މި ފައިސާތަކުގެ ޖުމްލަ އަގު ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 696،170ރ. އަށް އަރަ އެވެ.
ފުލުހުންނާ ހަވާލާދީ ނޭޕާލުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހައްޔަރުކުރުމުން އެ ދެ މީހުންނަކީ ކައިވެނިކުރަން އުޅޭ ބައެއް ކަމަށް ބުނި ނަމަވެސް އެކަމަށް ބާރުދޭ ހެއްކެއް ނެތެވެ. އަދި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ސައްހަ ގޮތެއްވެސް އެ މީހުންނަށް ބުނެ ނުދެވުން ކަމަށް ވެއެވެ. މި ދެ މީހުންނަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި ޔުގީތަކީ 2018 ވަނަ އަހަރު ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން 1.296 ކިލޯގްރާމްގެ ހެރޮއިންއާ އެކު އަތުލައިގަނެ، އެ ގައުމުގައި މަރުގެ ހުކުމް އިއްވި މީހެކެވެ. ނަމަވެސް، ޖަލުގައި އަށް އަހަރު ހޭދަކުރި ފަހުން، ކުށުގެ ނިޔަތް ސާބިތުނުވާ ކަމަށް ކަނޑައަޅައި ލަންކާގެ އިސްތިއުނާފީ ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އޭނާ މިނިވަންކޮށްފަ އެވެ.
މީގެ އިތުރުން 2016 ވަނަ އަހަރު މާލޭގެ އޮފީހެއްގެ ތިޖޫރީއަކަށް ގެއްލުންދީ ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައިވެސް އޭނާ ރާއްޖެއިން ހައްޔަރުކުރި އެވެ.
