ކަށްވަޅުތަކުގައި ފެން ހަރުލާފައި ހުރުމުގެ ސަބަބުން ހުޅުމާލޭ ސަހަރާގައި މައްޔިތުން ވަޅުލުމުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައި، މާލޭ އާސަހަރާއަށް ބަދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މި ބަދަލު ގެނެސްފައިވަނީ ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުމަށް ވަޅުކޮނުމުން 6 އިންޗި އާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހުރުމުގެ ސަބަބުންނެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ސަހަރާގައި ވަޅުލުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.
ހުޅުމާލޭ ސަހަރާގައި ވަޅުލުން މެދުކަނޑާލުމާ ގުޅިގެން، ދެން ޖަނާޒާގެ ކަންކަން ކުރިއަށްދާނީ އަދި މައްޔިތުން ވަޅުލަމުން ގެންދާނީ މާލޭ އާސަހަރާގައެވެ.
ހުޅުމާލޭ ސަހަރާއަކީ ވިއްސާރަ މޫސުމުގައި އަބަދުވެސް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ތަނެކެވެ. ރާއްޖެއަށް ކުރާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ސަހަރާގެ ބިމުން ފެން ނުހިނދުމުގެ ސަބަބުން، މީގެކުރިން ވެސް އެކި ފަހަރު މަތިން އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލަން ޖެހިފައިވެއެވެ.
އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ވެސްވަނީ ފެން ބޮޑުވެ ވަގުތީ ގޮތުން މައްޔިތުން ވަޅުލުމުގެ ކަންކަން މާލެ ސަހަރާއަށް ބަދަލުކޮށްފައެވެ.
ސަހަރާގައި ފެންބޮޑުވެފައިވާއި މިއަދު ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، މާލެއާއި ހުޅުމާލޭގައި ވަނީ ފެންބޮޑުވެފައެވެ. މެޓުން ވަނީ، ހަވީރު 18:00އާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. މިގޮތުން، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު، ދެކުނުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.
