އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގައި ޓެކައިގަނެފައިވާ މައްސަލާގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް 139 ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލާގައި ދައުވާކޮށްފައިވަނީ ދ. ބަނޑިދޫ، ޕޯލާގްރޭސް، އަހުމަދު އާތިފް ހަސަންގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޓެކުމުގެ ކުށުގެ 139 ދައުވާއެވެ.
އަހުމަދު އާތިފްގެ މައްޗަށް މި ދައުވާތައް ކޮށްފައިވަނީ ކިންގްސްޓަން ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ، އެ ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާނެކަމަށް ދައްކައިގެން 2023 ވަނަ އަހަރުން ފެށިގެން އެކި މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، ސައިކަލުވެސް ނުދީ އަދި ފައިސާވެސް އަނބުރާ ރައްދުނުކޮށް އެ ފައިސާއިން އިތުރު ތަސައްރުފުކޮށްފައިވާތީއެވެ.
މި ދައުވާތައް ކޯޓުގައި ސާބިތުވެއްޖެނަމަ، އަހުމަދު އާތިފް ހަސަންގެ މައްޗަށް މަދުވެގެން 133 އަހަރާއި، 4 މަހާއި، 24 ދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ. މި ދައުވާތައް ހުށަހަޅާފައިވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައި ވަކިން ކަމަށްވާތީ، ކުށް ސާބިތުވާ ހާލަތުގައި ކޮންމެ ދައުވާއަކަށް ވަކިން އަދަބު ކަނޑައެޅޭނެއެވެ.
މީގެ އިތުރުން، މި މައްސަލާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6،250،420.12 (ހަ މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަތަރު ސަތޭކަ ވިހި ރުފިޔާ ބާރަ ލާރި) އޭނާގެ އަތުން ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ. މި މައްސަލާގައި އަނިޔާ ލިބުނު އިތުރު 11 މީހެއްގެ ބައި ތަހުގީގުކުރުމަށް ފުލުހުންގެ ހިދުމަތަށް ވަނީ ލަފާދީފައެވެ. އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ މައްސަލަތަކުގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ސައިކަލު ވިއްކާ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި ކިންގްސްޓަން އާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހު އެވެ.ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށް ފަހު، އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވިއިރު އެ މައްސަލަ ބަލައިގަންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލާގައި ޖުމްލަ 158 މީހެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
މާލޭގައި ސައިކަލް ވިއްކާ ކިންގްސްޓަން އަށް ފައިސާ ދެއްކި ގިނަ ބަޔަކަށް ސައިކަލް ނުލިބި އެތައް މަހެއް ވުމުން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި އެވެ. އަދި އެ ކުންފުނިން ލަނޑު ދީފައި ތިބި މީހުން އަމިއްލަ އަށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވެސް އޭރު ފުރުސަތު ދިނެވެ.
