ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަ މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުން އެ ސަރަހައްދަށް ގޮސް ވަނީ އެ އަމަލު ހުއްޓުވާފައެވެ.
ހަމަ އެހެންމެ ފުލުހުން އެ ސަރަހައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިވައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާއިރު، އެ ސަރަހައްދު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ފެނިފައިވާ ކަމަށް ވެއެވެ.
މީގެ އިތުރުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި އެ ސަރަހައްދުން އެކަކު ހައްޔަރުކުރުމަށްފަހު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ފުލުހުން ވަނީ ހުޅުމާލޭގެ އެހެން ސަރަހައްދަކުން ހައްޔަރުކޮށްފައެވެ.
އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، އެ ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުގެ 10 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި އެންމެންނަކީ ވެސް ލ. އަތޮޅަށް ނިސްބަތްވާ ޒުވާނުންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ:
- ހަސަން އާހިލް (20އ)، ތުނޑި. އީޓްޖެހިގެ / ލ. ގަން
- ޝަނޫން (25އ)، ޒިޔުރިކު / ތުނޑި، ލ. ގަން
- މުހައްމަދު މައިސާން އަލީ ނަސީރު (21އ)، ކުދިރަތްމާގެ / ލ. މާމެންދޫ
- ހުސައިން މުސްރިގް (30އ)، ކެރޯލް / ލ. މާމެންދޫ
- އިބްރާހީމް އަރުޒަލް (28އ)، ރިހިވެލި / ލ. މާމެންދޫ
- އަހްމަދު އިނާޒު (35އ)، ހުދުފަސް / ލ. މާމެންދޫ
މި މައްސަލަ ފުލުހުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އިތުރަށް ތަހުގީގު ކުރަމުންނެވެ.
