ކޮންމެ ގައުމެއްގައި ވެސް އިސްރަށްވެހިންނަކީ، އެ ގައުމެއް މިއަދު އޮތް ހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތައް ކަމަށާއި، ގައުމު ބިނާކުރާނެ ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށްދިން އެންމެ ހަރުދަނާ ތަނބުތަކަކީ އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ކ. ކާށިދޫގައި ހުންނަ ކ. އަތޮޅު މަދަރުސާގައި ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުހަބާ ދެންނެވީ ސިއްހަތާއި އާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރު ގީލާ އަލީއެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގައުމަކަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި އެންމެ ބޮޑެތި ބުރަތައް އުފުލައި، ގައުމުގެ ހިދުމަތުގެ މައިދާނަށް ޒުވާނުން ނެރެދިނީ އިސްރަށްވެހިން ކަމަށެވެ. އަދި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ބަހާއެއް ކަމަށްވާއިރު، ވަކިން ހާއްސަކޮށް އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިސްރަށްވެހިންނަށް ކަމޭހިތުމަކީ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއްކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވިދާޅުވީ، އިސްރަށްވެހިންނަށް ގަދަރުކޮށް، ކަމޭހިތައި، އެހީތެރިކަމާއި މަދަދުވެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެ ފަރާތްތަކުގެ ރައްކާތެރިކަމާ ގުޅޭ ހުރިހާ ދާއިރާއަކަށް ވެސް މުޖުތަމައުން ހާއްސަ ފަރުވާތެރިކަމެއް ބަހައްޓަންޖެހޭ ކަމުގައި ވިދާޅުވިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ފާއިތުވި ދެތިން އަހަރުގެ ތެރޭގައި އިސްރަށްވެހިންގެ މަރުކަޒުތައް ހުޅުވެމުންދާ ކަމަށާއި، އެ ތަންތަނުގައި ހިންގާ ތަފާތު ހަރަކާތްތަކުގެ ސަބަބުން އިސްރަށްވެހިންގެ އެކަނިވެރިކަން ފިލައި، އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މަރުކަޒުތަކުގެ ދައުރު މިހާރަށްވުރެ ވެސް ބޮޑަށް ފުޅާވެގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ކަސްރަތު ހަރަކާތުގައާއި، ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ "އިސްރަށްވެހިންގެ ސައްލާ" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކާއެކު އެކަމަނާ ވަނީ ހަނދާނީ ފޮޓޯއެއް ވެސް ނަންގަވާފައެވެ.
