ތައުލީމު ހާސިލުކުރުމަށް މާލެ ސަރަހައްދަށް އަންނަ ދަރިވަރުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ތަރައްގީކުރި ދަރިވަރުންގެ ކޯ ލިވިން ރެސިޑެންސް "އެކުވެހި"، ވަރަ އެކްސްޕޯ 2026 ގެ ތެރެއިން އާންމުންނަށް ދައްކާލަން ނިންމައިފިއެވެ.

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ މި މަޝްރޫއަކީ ދިވެހި ޒުވާނުންގެ ތައުލީމީ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

އެގޮތުން ވަރަ އެކްސްޕޯ 2026 ގެ ތެރެއިން "އެކުވެހި"އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ލިބުމުގެ އިތުރުން، އެ ތަން ބަލައިލުމަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

"އެކު" އަދި "ވެހި" މި ދެ ލަފުޒު ގުޅުވައިގެން ނަން ދީފައިވާ މި ރެސިޑެންސް ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް އަމިއްލަ މިނިވަންކަމާއި ޒިންމާދާރުކަމާ އެކު އުޅެން ދަސްކޮށްދީ، އިޖުތިމާއީ ގުޅުންތައް ބަދަހިވާނެ ފަދަ މާހައުލެއްގައިކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި މަޝްރޫއުގެ ސަބަބުން އަތޮޅުތަކުން ކިޔަވަން އަންނަ ދަރިވަރުންގެ މުޅި އާއިލާ މާލެއަށް ބަދަލުވާންޖެހޭ ހާލަތްތަކަށް ނިމުމެއް އައިސް، އާއިލާތަކަށް އުފުލަންޖެހޭ މާލީ އަދި އިޖުތިމާއީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

އެއާއެކު އެޗްޑީސީން ބުނީ "އެކުވެހި" ގައި ޖުމުލަ 178 ޓްވިން ޝެއަރިން ކޮޓަރި ހިމެނޭކަމަށާއި، މިއީ 356 ދަރިވަރުންނަށް ޖާގަ ލިބޭ ޒަމާނީ އިމާރާތެއްކަމަށެވެ. ކޮންމެ ދަރިވަރަކަށް މަހަކު ދައްކަންޖެހެނީ 3,500 ރުފިޔާކަމަށާއި، ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި، އަދި ފާހާނާ ހުންނާނެކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އާންމުކޮށް ބޭނުންކުރެވޭ ޕެންޓްރީއާއި ލޯންޑްރީގެ ހިދުމަތް ވެސް ހަމަޖެހިފައިވާކަމަށާއި، ގްރޫޕް ސްޓަޑީއަށް ހާއްސަ މީޓިން ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ ވޯކިން ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ގާއިމުކޮށްފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އިމާރާތުގެ ތިރީ ފްލޯތަކުގައި ބޭންކިން އަދި އޭޓީއެމްގެ ހިދުމަތާއި، ކެފޭ، ޖިމް، ފިހާރަތައް، ޕްރިންޓިން ސެންޓަރު އަދި ޖަމިއްޔާތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ 18 މިނީ އޮފީސް ޔުނިޓް ތަރައްގީކޮށްފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ 24 ގަޑިއިރުގެ ރިސެޕްޝަން ހިދުމަތާއި އެސްޓޭޓް ސެކިއުރިޓީގެ ބެލެހެއްޓުން މި އިމާރާތުގައި ގާއިމުކޮށްފައިވާކަމަށެވެ.

"އެކުވެހި" އަށް ކުރިމަތިލުމުގެ ފުރުސަތު 1 ޑިސެންބަރު 2026 ގައި ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވައިލާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މި ފުރުސަތަށް ކުރިމަތިލެވޭނީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށްކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އަދި ކޮންމެ ސެމިސްޓަރއަކު ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުމަށް ފަހު އެއްބަސްވުން އާކުރެވޭ ގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ.