ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް އިތުރުވަމުންދާ ކަމީ މިއަދު އެންމެންވެސް އެއްބަސްވާ ހަގީގަތެކެވެ. ސިއްހަތާ ބެހޭ ވުޒާރާއިންނާއި އެކިއެކި ދިރާސާތަކުން ދައްކާ ގޮތުގައި، ކޮންމެ ހަތަރު މީހަކުން އެކަކީ ކޮންމެވެސް ސިފައެއްގައި ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހެކެވެ. ވަކިން ހާއްސަކޮށް، ސްކޫލް މާހައުލުގައި ދަރިވަރުންގެ މެދުގައި، އެއީ ގްރޭޑް ދިހައެއް، އެގާރަ އަދި ބާރައިގެ އުމުރުފުރައިގެ ކުދިންގެ މެދުގައި މި މައްސަލަ ބޮޑުވަމުން އަންނަކަން ހާމަވެފައިވެއެވެ. ނަމަވެސް، މިފަދަ ހައްސާސް މައްސަލައެއް ސިޔާސީ ކުޅިވަރަކަށް ހަދައި، އެމްޑީޕީން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓަރަށް އަމާޒުކޮށް ކުރި ތުހުމަތުތަކުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟
އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރު ޔައުގޫބް އަބްދުﷲ ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ގާއިމުކުރި ހެލްޕްލައިން (1484) އަދި އެކަމާ ގުޅޭ އެއްބަސްވުންތައް މި ސަރުކާރުން އުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ޔައުގޫބް ތުހުމަތު ކުރެއްވި ގޮތުގައި، މި މަސައްކަތް ހުއްޓާލުމަށް ސީދާ އެޑިއުކޭޝަން މިނިސްޓަރު ވަނީ ނިންމަވާފައެވެ. ޔައުގޫބް ވިދާޅުވީ، "އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިކަމަށް ވަނީ، ނަފްސާނީ މައްސަލައަކީ އެއީ އީމާންތެރިކަމާއި އަގީދާ ބަލިކަށިވުމުގެ ސަބަބުން ދިމާވާ ކަންކަމޭ. އެހެންވީމާ އެއީ އެޑިއުކޭޝަން މިނިސްޓްރީން އެޓެންޑްކުރަން ނޫނީ ކޭޓާ ކުރަންޖެހޭ ކަންތައްތަކެއް ނޫނޭ." އަދި އެފަދަ ކަންކަން ބަލަހައްޓަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް ޔައުގޫބް ތުހުމަތު ކުރެއްވިއެވެ.
ޔައުގޫބް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި ވެސް ކަމެއް މެދުވެރިވެއްޖެނަމަ އޭގެ ސަބަބު ދެނެގަނެ ފަރުވާ ހޯދަން އޮންނައިރު، މިފަދަ ނިޒާމެއް ހުއްޓާލުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން މި ނިންމުން އަލުން މުރާޖައާ ކުރުމަށް އޭނާ ސަރުކާރަށް ގޮވާލެއްވިއެވެ.
ނަމަވެސް، މި ތުހުމަތުތަކުގެ އަސްލު ބަލައިލުމުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ދަ ޕްރެސް ޓީމުން އެ ހެލްޕްލައިން ނަބްރަށް ގުޅާލި އިރު ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގައި ވެސް ހެލްޕްލައިންގެ ހިދުމަތް ލިބެއެވެ. އެހެންކަމުން އެމްޑީޕީން ކުރި މި ތުހުމަތުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހެލްޕްލައިން ހުއްޓާނުލާ ކަމަށާއި، އެ ހިދުމަތް މިހާރުވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، "އެ ހެލްޕްލައިންއަކީ ހަމަ އަބަދުވެސް ދަރިވަރުންނަށް ވެސް، މުދައްރިސުންނަށް ވެސް ހަމަ އަޅުގަނޑުމެންގެ ހެލްޕްލައިން މަސައްކަތް ހުންނާނީ ހުޅުވިފަ. ހަމަ ހަވީރު ފަހަކުން ފައްޓައިގެން ހެލްޕްލައިންގެ ހިދުމަތް ލިބޭނެ."
ހެލްޕްލައިން އޮޕަރޭޓްކުރާ ގޮތް އިތުރަށް ތަފްސީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތުތަކުގައި ފޯނު ލައިން ބަންދުކޮށްފައި ހުންނަނީ، އެ ގަޑިތަކުގައި ކުދިންނަށް ދިމާވާ މައްސަލަތައް ސްކޫލްގެ ތެރެއިން ސީދާ ދެނެގަނެވި އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނާތީ ކަމަށެވެ. އަދި ހަވީރު ފަހެއްގެ ފަހުން ހެލްޕްލައިންގެ ހިދުމަތް އާންމު އުސޫލުން ލިބެމުންދާނެ ކަމަށާއި، މިހާރު ގުޅާލިޔަސް އެކަން ސާފުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޔައުގޫބްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، "ޔައުގޫބަކީ ދެން މި ދާއިރާގެ ބޭފުޅެއް ނޫންވީމާ، ދެން ކޮންމެވެސް މީހަކު ދެއްކި ވާހަކައެއް ވިދާޅުވެވުނީއޭ. އެހެން އަޅުގަނޑު ގަބޫލުކުރަނީ. ހެލްޕްލައިނަށް ގުޅުމާއެކު ވެސް އެނގޭނެ."
މީގެ އިތުރުން، މި ހެލްޕްލައިނަކީ ހަމައެކަނި ދަރިވަރުންނަށް އެކަނި އޮތް އެއްޗެއް ނޫން ކަމަށާއި، ސްކޫލް މާހައުލުގައި މަސައްކަތްކުރާ މުދައްރިސުންނަކީ ވެސް ސްޓްރެސް ބޮޑު މަސައްކަތެއް ކުރާ ބަޔަކަށް ވާތީ، އެ ފަރާތްތަކަށް ވެސް މި ހިދުމަތް ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގައުމީ ފެންވަރުގައި ޖެންޑާ މިނިސްޓްރީން ހިންގާ ހެލްޕްލައިނެއް އޮތް ނަމަވެސް، ތައުލީމީ ދާއިރާއަށް ހާއްސަކޮށް އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ދެވަނަ ނިޒާމެއް ގާއިމުކޮށްފައި ބަހައްޓަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މި މައުލޫމާތާއި ގުޅޭނެ ނަންބަރުތައް މިހާރުވެސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހުރިހާ ކަމަކުން އެނގި ހާމަވަނީ، އެމްޑީޕީން ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި، ހަގީގަތް އޮޅުވާލައި ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމެވެ. ނަފްސާނީ ސިއްހަތަކީ އީމާންތެރިކަމާ ގުޅުވައި އެއްފަރާތް ކޮށްލާފައިވާ ކަމެއް ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ. ކުދިންނާއި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެޅިފައިވާ ނިޒާމުތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މިފަދަ ހައްސާސް މައްސަލަތަކުގައި ސިޔާސީ ފައިދާ ނެގުމަށް ދޮގު މައުލޫމާތު ފެތުރުމަކީ މުޖުތަމައަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ހަގީގަތަކީ، އެމްޑީޕީން ކުރި ތުހުމަތުތަކަކީ އަސްލެއް ނެތް، ބޭކާރު ވާހަކަތަކެއް ކަމެވެ.
