މާލޭގެ ދެވިނަމަގުގައި ހުންނަ މއ. ހިތިލާގެ ގުދަން ސަރަހައްދަށް އާންމުން ކުނިއަޅާ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ސަރަހައްދަކީ މއ. ހިތިލާގެ ގުދަނުގެ ވެހިކަލްތަކަށް މުދާ ބަރުކުރުމަށާއި ބޭލުމަށް ހާއްސަކޮށްފައިވާ ހުސްޖާގައެކެވެ. ނަމަވެސް އެ ތަނަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ކުނިއަޅާ މައްސަލަ ތަކުރާރުކޮށް ކައުންސިލަށް ހުށަހަޅަމުންދާތީ، މި މައްސަލައަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން ކައުންސިލުން މިހާރު ވަނީ އަމަލީ މަސައްކަތްތަކެއް ފަށާފައެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުން އަންނަނީ އެ ސަރަހައްދަށް ކުނިއަޅާ މީހުން ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެ ސަރަހައްދަށް ކުނިއެޅުން މުޅިން ހުއްޓުވުމަށްޓަކައި އެ ޔުނިޓުގެ މުވައްޒަފުން މިހާރު އަންނަނީ އެ ސަރަހައްދުގައި ތިބެގެން ޑިއުޓީ ކުރަމުންނެވެ. މިއީ އެ ސަރަހައްދު ވިލަރެސްކޮށް، ކުނިއަޅާ ފަރާތްތައް ވަގުތުން ހުއްޓުވުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މާލޭގެ މަގުތަކާއި ހުސް ބިންތަކަށް ކުނިއެޅުމަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އެހެންކަމުން، މި ގާނޫނުގެ ދަށުން ކުށްވެރިވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މާލެ ސިޓީ ކައުންސިލުން އުފައްދާފައިވާ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގައި 70 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާއިރު، އެ ފަރާތްތަކުން ދަނީ މާލެ އެކި ޒޯންތަކަށް ބަހާލައިގެން މަގުތައް މޮނިޓާކޮށް، ގަވާއިދާ ހިލާފަށް މުދަލާއި ކުނި ބަހައްޓާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތަކާއި ހުސްޖާގަތަކަށް ކުނިއެޅުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވާއިރު، މިފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިގޮތަށް ކުނި ބެހެއްޓުމުގެ ސަބަބުން އާންމު ސިއްހަތަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިންވެސް މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއަޅައިގެން ގިނަ ބަޔަކު ޖޫރިމަނާކޮށްފައިވާ އިރު، ކައުންސިލުން އަންނަނީ ފުލުހުންނާ ގުޅިގެން ވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ސިޓީ ކައުންސިލުން ވަނީ އާންމު ރައްޔިތުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ވެމްކޯ މެދުވެރިކޮށް ކުނި ނައްތާލުމަށް އިލްތިމާސްކޮށްފައެވެ.