ކ. ތުލުސްދޫ ކަނޑުއޮޅި ކައިރީގައި ދެ ލޯންޗު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެކެއްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފުރަތަމަ ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި ހާދިސާގައި ލޯންޗުގެ އެއްފަޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން ކުޑަދޮރުގައި ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް ލޯންޗުގެ އެއްފަޅި ވަނީ އެއްކޮށް ހަލާކުވެފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފުސީލުތައް ފުލުހުން ދަނީ ބަލަމުންނެވެ.
