ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫއުތަކުގެ ތެރެއިން މަދުވެގެން 70 ޕަސެންޓު މަޝްރޫއު އެއްކޮށް ނިންމައި ހަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހިނގާ އޮކްޓޯބަރު މަހުގެ 29 ގައި ހުށަހެޅުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ކުރިއަށް އޮތް 2027 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އަސާސީ ހިދުމަތްތައް ކަމަށްވާ ހޮސްޕިޓަލްތަކާ، ސްކޫލްތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ.
މިއަދުގެ ސަރުކާރުން ހަވާލުވިއިރު ގައުމުގެ އިގްތިސާދު އޮތީ ޑިފޯލްޓްވުން، ނުވަތަ ދަރަނި ނުދެއްކި ބަނގުރޫޓުވުމުގެ ތުންފަތްމަތީގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުރަތަމަ އިސްކަން ދެއްވީ އެކަމުން ގައުމު ސަލާމަތްކުރުމަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، މިއަހަރު ފެށިގެން އައިއިރު ރެކޯޑް މިންވަރަކަށް ގްރޮސް ރިޒާވް އަދި ޔޫސަބަލް ރިޒާވް އިތުރުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމާއި، ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަންވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއެއްގެ ސަބަބުން ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަކީވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދެވޭ މަޝްރޫއެއް ކަމަށެވެ. މިގޮތުން، ރަސްމާލެ މަޝްރޫއަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އެ މަސައްކަތް ކުރިއަށްގެންދަނީ ފިއުޗާ ރެވެނިއު އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން ބުރައެއް އުފުލަން ނުޖެހޭނެކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ބޭރު ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުން އިގްތިސާދަށް ކުރާ އަސަރުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާ، ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ކުރިއަށްގެންދާކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާކަމަށެވެ.
