ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ ގޮތާމެދު ރައްޔިތުންގެ ހިތުގައި ފިތުނައާއި ބިރުވެރިކަން އުފެދޭ ގޮތަށް، ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތާރީހު ދެކެފައި ނުވާފަދަ ބޮޑު ބޯހިޔާވަހިކަމެއްގެ ރަންޒަމާނެއް ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއު އާއެކު ފެށިގެންދާނެ ކަމަށެވެެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ތާރީހީ މިންވަރަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސަރުކާރުގެ އެންމެ އިސް އަމާޒަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދިނުންކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ބިޔަ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ފެތުރަމުންދާ ބައެއް ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރައްޔިތުން ކަންބޮޑުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، މިއީ މުޅި ގައުމަށް ފައިދާހުރި މަޝްރޫއެއްކަން ހާމަކުރައްވަމުން ރައީސް ވަނީ އިޒްރޭލާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުން މިސާލު ޖައްސަވާފައެވެ.

ރަސްމާލެއަކީ މުސްލިމުންނަށް ފަހި މާހައުލެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، ރަސްމާލެ ތަރައްގީކުރާނީ ވެސް އެފަދައިން ކަމަށެވެ. އެގޮތުން ރަލާއި އޫރު މަސް ވެސް އެ ތަނުގައި ނުގެންގުޅެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ އަދި އެތަނުގައި ފަސް ވަގުތު ބަންގި ގޮވާނެކަމަށާއި މިސްކިތްތައް ހުންނާނެކަމަށާއި ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެ ނޫން ގޮތަކަށް ވެސް ސްކޫލެއް ތައުލީމީ މުއައްސަސާއެއް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރުގެ ފަރާތްތަކަށް ބިން މިލްކުވުމާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން، ރައީސް ވަނީ ގައުމީ ސިޔާދަތަށް ބުރޫނާރާނެހެން އަދި ގަނޫނީ އިމުގެ ތެރެއިން މި މަޝްރޫއު ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި ދަރަންޏެއްގެ ބުރޫއެއް ނެތި، އީޖާދީ އުސޫލުތަކުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އޮތް ބޯހިޔާވަހިކަމުގެ ފުރުސަތު ހަނިވެގެންނުދާނެ ކަމަށާއި، ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވަނީ ފިއުޗާ ރެވެނިއު ބޭނުންކޮށްގެން ނުވަތަ ބިން ދޫކުރާ އުސޫލުން އިންވެސްޓަރުން ލައްވާ ކުރިއަށްގެންދާ މި މަސައްކަތްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ހެޔޮ ލާބަޔާއި މަންފާ ލިބޭނެ ކަންތައްތަކެއް ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.