ގަވާއިދާ ހިލާފަށް ވިލިމާލެ ފަޅު ބޭނުންކުރަމުންދިޔަ އުޅަނދުތަކެއް ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ޖޫރިމަނާ ކުރި އުޅަނދުތަކަކީ ގަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އުސޫލުތަކާ ހިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެއް ކަމަށެވެ.
ވިލިމާލޭގެ ފަޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ސަރަހައްދަކަށް ވާއިރު، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ކައުންސިލުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ފަޅު ބޭނުންކުރަމުންދިޔަ 11 އުޅަނދެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި މި އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ސިޓީ ކައުންސިލުން ފަށާފައިވަނީ، ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. މިކަމާ ގުޅިގެން ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އިހްތިރާމްކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ގަވާއިދާ ހިލާފަށް ފަޅު ބޭނުންކުރަމުންދާ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ކައުންސިލުން ދީފައި ވެއެވެ.
