އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނާއެކު އުޅަނދުތަކުން ނަގާ ފީ، މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ހަރަދުކުރެވޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު މިހެން ވިދާޅުވީ، ދައުލަތުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 8 ވަނަ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި މާލެ ސަރަހައްދުގެ ދަތުރުފަތުރާ ގުޅޭ ވަކި މާއްދާއެއް ސަރުކާރުން ހިމަނާފައި ވަނީ މާލެ ސިޓީ ކައުންސިލުގެ ބާރުތައް ސަރުކާރަށް ނެގުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން، މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރާ އުޅަނދުތަކުން ނަގާ ފީތައް މާލެ ސިޓީ ކައުންސިލަށް ދޭން ނުޖެހޭގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ފޯރަމުގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅިގެން މީގެ ކުރިން އަމަލުކުރަމުން އައީ 15 އަހަރު ދުވަސްވެފައިވާ ބާ ގާނޫނަކަށް ކަމަށާއި އެ ގާނޫނު އިސްލާހު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި އަލަށް އަމަލުކުރަން ފެށި ގާނޫނުގެ ދަށުން ރައްޔިތުންނަށް ޓްރެފިކާ ގުޅިގެން ދިމާވެފައިވާ ގިނަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ އުޅަނދުތަކުން ފީ ނެގުމުގެ އެންމެ ބޮޑު މަގްސަދަކީ އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ރަށެއްގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހަރަދު ކުރުން ކަމަށެވެ. މާލެ ސަރަހައްދަކީ ޓްރެފިކްގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ ސަރަހައްދަށްވާއިރު، މިހާތަނަށް މާލޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުން ނަގާ ފީ ކައުންސިލަށް ޖަމާވި ނަމަވެސް ކައުންސިލުން އެ ފައިސާ ޓްރެފިކް މައްސަލަ ހައްލުކުރަން ހަރަދުނުކުރާކަން އުޝާމް ފާހަގަކުރެއްވިއެވެ.

"އެ ފައިސާ މާލެ ސިޓީ ކައުންސިލުން މިއޮތް ހުރިހާ ދުވަހު ބޭނުންކުރަމުންދިޔައީ އެކަމަކަށް ނޫން. އަޅުގަނޑުމެންނަށް މަގުމަތި ބަލާލީމަ ވަރަށް ސާފުކޮށް ފެންނަން އޮތް ކަމެއް، ރަޖިސްޓްރޭޝަން ފީން އެ ލިބުނު ފައިސާއިން ހަގީގަތުގައި މަގުތަކުގެ މަރާމާތުކޮށް، މަގުތަކުގެ ކަންކަން ބެލެހެއްޓުމަށް ނޫންކަން އޭގެ ބޮޑު ބައެއް ބޭނުންކުރަމުން އައިސްފައި އޮތީކީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

އާ އިންތިޒާމުގެ ދަށުން އުޅަނދުތަކުން ނަގާ ފީތައް ޖަމާކުރެވޭނީ ވަކި ހާއްސަ ފަންޑަކަށް ކަމަށާއި، އެ ފަންޑު މެނޭޖު ކުރެވޭނީ ވަޒީރުން ހިމެނޭހެން އެކުލާވައިލެވޭ ރޯޑް ސޭފްޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެހެންކަމުން އެ ފައިސާ ހަމައެކަނި އަމާޒުކުރެވޭނީ މަގުމަތީގެ ރައްކާތެރިކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ކަމަށާއި، ފައިސާ ރަނގަޅު ގޮތުގައި ހަރަދު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރެވި، އޭގެ ކަންކަން ފުރިހަމައަށް ތަންފީޒުވަމުންދާ މިންވަރަކުން، އެ ގާނޫނުގެ މުހިންމުކަމާއި އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ލުއިފަސޭހަތަކާއި ފައިދާތައް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.