ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ހަރަދު ކުޑަކުރުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސިއްހީ ދާއިރާއަށް ގެންނަވަމުންދާ މައިގަނޑު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ސިއްހީ ދާއިރާ ތަރައްގީކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރަށު ސިއްހީ މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް އެމީހެއްގެ ރަށުން ނުވަތަ އަތޮޅަކުން ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމާއި، ބޭރަށްކުރަންޖެހޭ ދަތުރުތައް މަދުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށް ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިން އޮތް ގްރޫޕް އުވާލައި، އޭގެ ބަދަލުގައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އައު ނިޒާމެއް އުފެއްދެވުމަށް ނިންމާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މި ބަދަލާއެކު ސިއްހީ ދާއިރާގައި ހުރި އިދާރީ ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ފެންވަރު މަތިވެގެންދާނެކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކާއި އެ ފެންވަރަށް ތަރައްގީކުރަމުންދާ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅުވާލައި، ހޮސްޕިޓަލްތަކުގެ މެދުގައި ވަސީލަތްތަކާއި ޑޮކްޓަރުންގެ ފަންނީ ހިދުމަތްތައް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ

އަންނަ ނޮވެމްބަރު މަހުން ފެށިގެން 3 މަސް ނުވަތަ އެންމެ ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި މި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށްގެންދާ މަޝްރޫއެއް ނޫންކަން ފާހަގަކުރައްވަމުން، މި ބަދަލުގެ ސަބަބުން ސަރުކާރު ހަރަދުގައި ތައުލީމު ހާސިލުކުރައްވާ ޑޮކްޓަރުންގެ ހިދުމަތް އެންމެ ފުރިހަމައަށް ހޯދުމާއި، ހާއްސަ ދާއިރާތަކުން ބޭރުގެ މަތީ ފަންތީގެ ޑޮކްޓަރުން ރާއްޖޭގައި ގާއިމުވެ ތިއްބަވައިގެން ހިދުމަތްދެއްވުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.