ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ 'ބޭންކް ފަންޑު' އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން، ތައުލީމު، ތިމާވެށި، އަދި ކުޅިވަރު ފަދަ ދާއިރާތަކުން މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމަށް އެހީތެރިވުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް ހުޅުވާލާ ފުރުސަތެކެވެ. މިއީ މި ފަންޑު ހިންގަމުންދާ ތިންވަނަ އަހަރެވެ.

މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް ހޮވާލެވޭ 5 ޖަމިއްޔާއަކަށް، ކޮންމެ ޖަމިއްޔާއަކު ހުށަހަޅާ މަޝްރޫއެއް ހިންގުމަށް 200,000 (ދެލައްކަ) ރުފިޔާގެ މާލީ އެހީ ބޭންކުން ފޯރުކޮށްދެއެވެ. ބޭންކުން ބުނި ގޮތުގައި މިއީ ރާއްޖޭގެ ޖަމިއްޔާތައް ބާރުވެރިކޮށް، މުޅި މުޖުތަމައު ހިމެނޭހެން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. މި ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ފުރުސަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން ކަމަށް ބޭންކުން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް ގަބޫލުކުރާ ގޮތުގައި، ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުކުރެވޭނީ މުޖުތަމައުގެ ބިންގަލުން ފެށިގެން ކުރެވޭ މަސައްކަތްތަކުން... މި ފަންޑުގެ އެހީގައި މިހާތަނަށް މުޖުތަމައަށް ލިބިފައިވާ ހެޔޮ ބަދަލުތަކާ މެދު އަޅުގަނޑުމެން ފަޚުރުވެރިވަން. އަދި 2026 ވަނަ އަހަރުވެސް، އަޅުގަނޑުމެންގެ އުއްމީދަކީ މުޖުތަމައަށް ނަފާލިބޭނެ ދެމެހެއްޓެނިވި އިތުރު މަޝްރޫއުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުން."
ޝަރީފް

މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާ، ޖަމާޢަތްތަކާއި ކްލަބްތަކަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 14 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތާއި، އުސޫލުތައް އަދި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.