ގަތުލުއާންމު ހިންގުމާއި އެކަމަށް ގޮވާލުމަކީ ޖިނާއީ ކުށަކަށް ހެދުމުގެ އިތުރުން، ދައުލަތުގެ އިސް މަގާމުތައް ފުރާފައިވާ މީހުންނަށް މިފަދަ ކުށްތަކުގެ އަދަބު ބޮޑުވާނެ ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ބަންޑާރަ ނައިބު ފާހަގަކުރައްވާފައިވާ ގޮތުގައި، 'ގަތުލުއަންމު' އަކީ ޖެނޮސައިޑް ކަމަށާއި، ގަތުލްއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން ބައިވެރިވެފައި ވަނީ އެޕްރީލް 24، 1984 ގައި ކަމަށެވެ. އެ މުއާހަދާގެ 5 ވަނަ މާއްދާގައި، އެ މުއާހަދާއަށް އަމަލުކުރުމަށްޓަކައި އެ މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި، ޖެނޮސައިޑްއާ ގުޅޭ ކުށްތަކަށް ގާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވެއެވެ. ނަމަވެސް، އޭގެ ފަހުން 42 އަހަރު ވެގެން ދިޔައިރުވެސް ދިވެހިރާއްޖެއިން މި ޒިންމާ އަދާކޮށްފައި ނުވާކަން އުޝާމް ފާހަގަކުރެއްވިއެވެ.
މުސްލިމުންނާ ދެކޮޅަށް ގަތުލްއާންމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ގައުމުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހިނގަމުންދާ މައްސަލަތަކެެއް ކަމުގައިވާ، “ދަ ގެމްބިއާ ވ. މިޔަންމާ” އަދި “ސައުތު އެފްރިކާ ވ. އިޒްރޭލު” މައްސަލަތަކަށް ދިވެހި ސަރުކާރުން ވަނީ ތަދައްހުލުވެ، ޖެނޮސައިޑްގެ ކުށްތައް ހިންގާ ގައުމުތައް ޖަވާބުދާރީ ކުރުވައި، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތުކޮށްފައެވެ. ނަމަވެސް، އެހެން ގައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ދިވެހިރާއްޖެއިން ގޮވާލާއިރު، ދިވެހިރާއްޖެއިން އެ މުއާހަދާގެ ދަށުން ކުރުން ލާޒިމްކޮށްފައި އޮތް ކަމެއް ކޮށްފައި ނެތުމަކީ، އެކަމުގެ ސަބަބުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ގަތުލްއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އުޝާމް ވިދާޅުވިއެވެ. މިއީ ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެކެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައި ހިމަނާފައިވަނީ ގާނޫނުލްއުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމެވެ. އެގޮތުން ވަކި ގައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ތިރީގައި މިވާ ކަންތައްތައް ހިންގުމަކީ ކުށެކެވެ:
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މެރުން.އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުން.
- އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން.
ބިލުގައިވާ ގޮތުން މިއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެއީ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާ ކުށެކެވެ. އަދި އެންމެ ބޮޑު އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެ ކުށެކެވެ. އެ އަމަލުތައް ކުރުމުގެ އިތުރުން އެކަންކަން ކުރުމަށް ސީދާ ގޮތުގައި އަދި ފާޅުގައި ގޮވާލުމަކީ ވެސް ކުށެކެވެ.
މި މާއްދާގެ ދަށުން ކުރާ ދައުވާއެއްގައި ދައުވާ ރައްދުވާ މީހާ ކުށްކުރީ ވެރިއެއްގެ އަމުރަކަށް ތަބާވުމުގެ ގޮތުން ކަމުގައިވުމީ ނުވަތަ ކުށުގެ އަމަލު ކުރުމަކީ ގާނޫނުން ހުއްދަކޮށްފައިވާ ކަމަކަށްވުމީ ދިފާއެއް ނޫން ކަމަށް ބިލުގައިވެއެވެ. މި ކުށްކުރީ ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރުކަމުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ނުވަތަ ފަނޑިޔާރުކަމުގެ ނުވަތަ ސަލާމަތީ ހިދުމަތެއްގެ އަމުރުވެރިކަމުގެ މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތުގައި އެއީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ.
ގައުމަށް ހިޔާނާތްތެރިވުމާއި އިގްތިސާދަށް ގެއްލުންދިނުން ޖިނާއީ ކުށަކަށް
މީގެއިތުރުން ގައުމަށް ހިޔާނާތްތެރިވުމާއި އިގްތިސާދަށް ގެއްލުންދިނުމަކީ ވެސް ޖިނާއީ ކުށަކަށް ހަދަން ބިލުގައި ހިމަނާފައިވެއެވެ. ބިލުގައި ބުނެފައިވާ ގޮތުން، އެއްވެސް ދިވެހި ރައްޔިތަކު ގަސްދުގައި ރާއްޖެއާ ދެކޮޅަށް ހަނގުރާމަ ކުރުމާއި ހަނގުރާމަ ކުރާ ފަރާތްތަކާ ބައިވެރިވުމަކީ ކުށެކެވެ. އަދި ރާއްޖޭގެ ދުޝްމަނަކާ އެއްބައިވެ، އެފަދަ ފަރާތަކަށް ރާއްޖޭގައި ނުވަތަ ބޭރުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ކުށެކެވެ. ދުޝްމަނެއް ކަމަށް ބިލުގައި އޮތް ގޮތުން ބުނެފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ފަދަ އަމަލެއް ބިދޭސީންނާއި އެފަދަ އަމަލެއްގައި އެ މީހުންނާ ބައިވެރިވާ ދިވެހިންނެވެ.
އިގްތިސާދަށް ގެއްލުންދިނުމަކީ ޖިނާއީ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ. އެގޮތުން ބިލުގައިވާ ގޮތުން ދައުލަތުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ކަމުގެ ފަރުވާލެއް ނެތި އަމަލުކުރުމަކީ ކުށެކެވެ. މި ކުށުގެ އަމަލުތަކުގެ ތެރޭގައި ހިމެނެނީ:
- މުހިންމު އުމްރާނީ ވަސީލަތަކަށް ނުވަތަ އެފަދަ ވަސީލަތަކާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުންދިނުން.
- އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތް ފޯރުކޮށްދޭ ވަސީލަތެއް ނުވަތަ ސިސްޓަމެއް ހިންގުމަށް ހުރަސްއެޅުން.
- އެ ދާއިރާއަކުން ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓާލުމުގެ ގޮތުން އެއްވެސް އަމަލެއް ކުރުން.އެ އަމަލެއްގެ ސަބަބުން ބޮޑު ގެއްލުމެއް ދައުލަތުގެ އިގްތިސާދަށް ލިބުން.
ބިލުގައިވާ ގޮތުން މި ކުށް ކުރީ ދައުލަތް ނުވަތަ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހަކު ނަމަ، އެއީ ޖިނާއަތުގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. އެ ނޫން ހާލަތެއްގައި އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ.
