ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ 2026 ވަނަ އަހަރުގެ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑަށް ދިވެހިރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ އެކި ބައިތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޑަބްލިއުޓީއޭއިން ދެމުން އަންނަ މި އެވޯޑުތަކުގެ ތެރެއިން ރާއްޖެ ނޮމިނޭޓްވެފައިވާކަން ހާމަކޮށްފައިވަނީ ވިޒިޓް މޯލްޑިވްސް އިންނެވެ.

މި އެވޯޑު ޖެހިޖެހިގެން ތިންވަނަ އަހަރަށް ރާއްޖެއަށް ހޯދައިދިނުމަށް ޓަކައި އަންނަ ހުކުރު ދުވަހުގެ ކުރިން ވޯޓުލުމަށް ވިޒިޓް މޯލްޑިވްސްއިން އެ ޕޯސްޓުގައި ވަނީ އެދިފައެވެ.

ޑަބްލިއުޓީއޭގެ ދުނިޔޭގެ ފެންވަރުގެ އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެ ކެޓަގަރީތަކަށް ވޯޓުލުމުގެ ސުންގަޑި ހަމަވާނީ އަންނަ ހުކުރު ދުވަހުއެވެ.

މިއަހަރުގެ ގްރޭންޑް ފައިނަލް ގާލާ ސެރެމަނީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 12، 2026 ވާ ހޮނިހިރު ދުވަހު ޓެންޒޭނިއާގައެވެ.

ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑަށް ދިވެހިރާއްޖެ މި ފަހަރު ނޮމިނޭޓްވެފައި މިވަނީ 2024 އަދި 2025 ވަނަ އަހަރުވެސް ޖެހިޖެހިގެން މި އެވޯޑު ރާއްޖެއިން ކާމިޔާބުކޮށްފައި ވަނިކޮށެވެ.