ދުނިޔޭގެ ނަން މަޝްހޫރު މާލީ މަޖައްލާ 'ފޯބްސް' އާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ.

ދުނިޔޭގެ 89 ގައުމަކުން ހޮވުނު 500 ބޭންކުގެ މައްޗަށް އެކުލެވިގެންވާ މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ 6 ވަނަ ޓިއާގައެވެ.

މި ގިންތީގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ތބި އެ ބޭންކާ އެއްވަރުގެ މާލީ މުއައްސަސާތަކާ އެއް ސަފެއްގައެވެ.

"ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިންގައި ބޭންކުތައް ހޮވާފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާލިބޭ މިންވަރާއި، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަމުގެ އިތުރުން އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމަށް ބިނާކޮށެވެ.

މި ތާރީހީ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ނަތީޖާތަކުން އަބަދު ވެސް ފެންނަމުންދާ ހަގީގަތާ އެއްގޮތަށް، ބީއެމްއެލް އަކީ ވަރުގަދަ އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިންއެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް ޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް، ބޭންކުގެ ބިންގާ ވަރުގަދަކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނެ
މުހައްމަދު ޝަރީފް

ބީއެމްއެލްއިން ދެކޭގޮތުގައި މި ކާމިޔާބީއަކީ ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ހިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ފުރިހަމަ ހިތްވަރެކެވެ.