ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ޑޮލަރު އާމްދަނީ މާރުކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ހަނދާންކޮށްދީފިއެވެ.
އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ފައިސާ މާރުކުރުމުގެ އިންތިޒާމުތައް ގާނޫނާ އެއްގޮތަށް އަދާކުރަމުން ގެންދިއުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. އަދި ބޭރު ފައިސާއިން އެ މަހަކު ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ކަނޑައަޅާފައިވާ ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް ފައިސާ މާރުކުރުމުގެ އިންތިޒާމުތައް ފުރިހަމަ ނުކުރާ ފަރާތްތަކުގެ ނަންތައް، އުސޫލާ އެއްގޮތަށް އާންމުކުރާނެ ކަމަށް އެމްއެމްއޭ އިން އިންޒާރުދީފައި ވެއެވެ.
މިދިޔަ އޯގަސްޓު މަހު ގެނައި އިސްލާހާ އެކު، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކުވެސް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި އަށް އަމަލުކުރަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ގެސްޓްހައުސްތަކުން ބޭރު ފައިސާ މާރުކުރަން ޖެހޭނީ ކުރިންވެސް އޮތް ފަދައިން، ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައިގެ ރޭޓުންނެވެ.
