ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ކުރާ ވިޔަފާރީގެ މުއާމަލާތަތްކުގައި ވެރިފަރާތް ހުރީ ރާއްޖެއިން ބޭރުގައި ތޯ ޔަގީން ކުރާ ޑިޖިޓަލް އިންޓަގްރޭޝަން މަސައްކަތުގެ ސަބަބުން އެއް އިދާރާއިން އަނެއް އިދާރާއަށް ކަސްޓަމަރުގެ ޒާތީ މައުލޫމާތުތައް ބަދަލުނުކުރާނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.
މި ކަން ބީއެމްއެލް އިން ހާމަކޮށްފައި ވަނީ މޯލްޑިވްސް އިމިގްރޭޝަނާއެކު ބީއެމްއެލް އިން ގާއިމްކުރި ސްޓްރެޓިޖިކް ޑިޖިޓަލް ޕާޓްނާޝިޕާއެކު އެ ނިޒާމަށް އަމަލުކުރަން ފެށުމުން އެކަމާ ގުލިގެން ގިނަ ބައެއްގެ ކަންބޮޑުވުން އާންމުވަމުން ދިއުމާ ގުޅިގެންނެވެ.
މި އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރަމުން ބީއެމްއެލް އިން ބުނީ، ބީއެމްއެލްގެ ކަސްޓަމަރުން ބޭނުންކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ކުރާ މުއާމަލާތްތައް އޮތަރައިޒް ކުރާއިރު، ކާޑުގެ ވެރިފަރާތް އެ ވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ ވަގުތުން ކަށަވަރު ކުރެވޭނެ ނިޒާމެއް ވަނީ ހަމަޖެހިފައި ކަމަށެވެ. މި އާ ނިޒާމާއެކު، ރާއްޖެއިން ބޭރުގައި ކާޑުގެ ވެރިފަރާތް ހާޒިރުވެ ހުރެގެން ޕީއޯއެސް އަދި އޭޓީއެމް ފަދަ ޗެނެލްތަކުގައި ކުރަންޖެހޭ މުއާމަލާތްތައް ދެން ކުރެވޭނީ، ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ކަށަވަރުވުމުން އެކަނި ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އެހެންކަމުން، އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ މުޅިން ބަންދު ވެފައެވެ. މީގެ އިތުރުން، ކާޑުގެ މައުލޫމާތު ވަގަށް ނަގައިގެން ބޭރު ގައުމެއްގައި ކާޑު ބޭނުންކުރަން އުޅުނު ނަމަވެސް، ވެރިމީހާ ރާއްޖޭގައި ހުރިނަމަ އެ މުއާމަލާތެއް ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް، ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، މީގެ ތެރޭގައި ކާޑުގެ މައުލޫމާތުތައް ބޭނުންކޮށްގެން އިންޓަނެޓް މެދުވެރިކޮށް ހަދާ އީކޮމާސް ޓްރާންސެކްޝަންތައް ނުހިމެނޭނެ ކަމަށެވެ.
މި ޑިޖިޓަލް އިންޓަގްރޭޝަން މަސައްކަތް ކުރަނީ އެއް އިދާރާއިން އަނެއް އިދާރާއަށް ކަސްޓަމަރުގެ ޒާތީ މައުލޫމާތުތައް ބަދަލުކޮށްގެން ނޫން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އާންމުކޮށް ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމަށްވާއިރު، މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަ ކަމާއި، ކާޑުގެ މުއްދަތާއި، އަދި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާ ދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓިކުން ސިސްޓަމުން އަންގައިދެއެވެ. ހަމަ މި އުސޫލުން، އިމިގްރޭޝަނާއެކު ގާއިމުކުރި ނިޒާމުގެ ސަބަބުން، ރާއްޖެއިން ބޭރުގައި ޓްރާންސެކްޝަން ހަދާއިރު ކަސްޓަމަރު ހުރީ ރާއްޖެއިން ބޭރުގައިތޯ އޮޓޮމެޓިކުން ބެލޭނެއެވެ.
މިއީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ. ހާއްސަކޮށް، ކާޑުގެ ވެރިފަރާތަށް ނޭނގި ނުވަތަ އޮޅުވާލައިގެން ކާޑު ގެންގޮސްގެންނާއި، ބައެއް ފަހަރު ކާޑު ނަކަލުކޮށްގެން، ރާއްޖޭން ބޭރުގައި ހުއްދަނެތް އެތަކެއް މުއާމަލާތްތައް ހިންގާ މައްސަލަތައް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ. ކާޑުގެ މުއާމަލާތްތަކުގެ ސައްހަކަން ދެނެގަތުމަކީ ބައިނަލްއަގުވާމީ ކާޑު ނެޓްވޯކްތަކުގެ މިންގަނޑުތަކުގެ ދަށުން، ދުނިޔޭގެ ޕޭމަންޓް ނިޒާމުތަކުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާ އިރު، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ކަސްޓަމަރުންގެ ފައިސާ ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ބިއެމްއެލް އިން ބުނެއެވެ.
