2028ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި މެދުކެނޑުމެއްނެތި 24 ގަޑިއިރު މަސައްކަތްކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވައި، ތާއީދު ހޯއްދެވުމަށް ދ. ކުޑަހުވަދޫގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި އެންމެ ރަނގަޅަށް ކުރައްވަން އެނގިވަޑައިގަންނަވާ ކަމަކީ "ވެރިކަމުން މީހުން ބޭލުން" ކަމަށެވެ. އެގޮތުން ރައީސް މައުމޫނާއި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމުގައި ކުރެއްވި މަސައްކަތް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެކަންވެސް ކުރެވިއްޖެ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލުކުރަން ޖެހޭނެ ކަމަށާއި، އެކަމަށްޓަކައި އެހެން އެއްވެސް މީހަކަށް ނުކުރެވޭ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތަކަށް ހަގީގީ މުއްސަނދިކަމާއި ތަނަވަސްކަން ލިބޭނީ ބާރުތައް މަދު ބައެއްގެ އަތްމަތީގައި ޖަމާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރަށްތަކަށް ބާރުވެރިކަން ދޫކޮށްލައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. ރާއްޖެއަށް ގެންނަން އުޅޭ މި ބޮޑު ބަދަލު ގެ މައިގަނޑު މަގްސަދަކީ ހިޔާލުފާޅުކުރުމާއި، ބަހުސްކުރުމާ، އަދި ބާރުތައް ބަހާލައިގެން ރަށްރަށުގެ އިގްތިސާދު ކުރިއެރުވުން ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ. އިތުރަށް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި އެންމެ ވަރުގަދައަށް އިންތިޒާމްވެފައިވާ މުއައްސަސާކަމަށާ، އެމްޑީޕީ މެދުވެރިކޮށް ރަށްރަށަށް މި ބޮޑު ބަދަލު ގެނެސްދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، 2028ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނެރުމަށް ނަޝީދު ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޝައުގުވެރިކަން ހުރި ކަމުގެ އަޑުތައް ފެތުރި ޕާޓީގެ އެތެރޭގައި ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.