ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ގައުމު ސަލާމަތްކޮށް، އިގްތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެފަރާތްތަކުގެ ގުރުބާނީގެ އަގުވަޒަންކުރެއްވިއެވެ. އަދި ދިވެހި ތާރީހުން ފެންނަން ހުރި އިބުރަތްތެރި ފިލާވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ގައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ ބާއްޖަވެރިކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގެ އިގްތިސާދީ މިނިވަންކަން ގާއިމުވެފައި އޮތުން ކަމަށް ފާހަގަކުރައްވަމުން، ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ހަލާސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށާއި، ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަގްވާމީ މައިދާނުގައި ފެށިފައިވާ ކަމުގެ ޔަގީންކަން ދެއްވަމުން، ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
