އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އޮތީ ކޮން ފަޅިއަކަށްކަން ސާފުވާނީ ޕާޓީގެ ޗެއާޕާސަން އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށާއި، އެ އިންތިހާބު ނުބާއްވައިފި ނަމަ ޕާޓީގެ މަސްލަހަތު އިތުރަށް ގޯސްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިނަށް މިއަދު މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެމަނިކުފާނާ މެދު ހިތްހަމަނުޖެހޭ ބަޔަކު ތިބި ފަދައިން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. އެހެންކަމުން، ޕާޓީގެ ތެރޭގައި ތާއީދު ބޮޑީ ކޮން ފަރާތަކަށްތޯ ބަލަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި އިންތިހާބު ނުބާއްވައިފިއްޔާ މާ ގޯސް... މިހާރު މިސާލަކަށް އެއްބަޔަކު އެބަތިބި ރައީސް ސޯލިހާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި،"
ނަޝީދު

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ވޯޓަކުން މިކަން ނުނިންމައިފި ނަމަ ދެން ޖެހޭނީ ރައީސް ސޯލިހާއި އެމަނިކުފާނާ ދެބޭފުޅުން އެކުގައި ފޮޓޯއެއް ނަންގަވައިގެން މެމްބަރުން ހިތްހަމަޖައްސަން ކަމަށެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، ހަފުތާއެއް ފަހުން އަނެއްކާވެސް ހިތްހަމަނުޖެހުން އުފެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، އިންތިހާބު ބާއްވައިގެން މިކަން ނިންމުމަކީ އެމްޑީޕީއަށް އެންމެ ކާމިޔާބުވާނެ ގޮތް ކަމަށް ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި، ޗެއާޕާސަން އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ވަނީ މެސެޖެއް ފޮނުއްވާފައެއެވެ. އެމެސެޖުގައި ގަފޫރު ވިދާޅުވީ، ޗެއާޕާސަން އިންތިހާބާއި ދާއިރާތަކުގެ އިންތިހާބު މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުން ޕާޓީއަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ލިބިފައި ނުވާތީ، އިންތިހާބުތައް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް އޭނާ ހުށަހެޅުއްވިއެވެ.

ނަމަވެސް، ރައީސް ނަޝީދުގެ އިތުރުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން މީކާއީލް ވިދާޅުވީ ޕާޓީގެ ޗެއާޕާސަން އިންތިހާބު ލަސްކުރަން އުޅޭ އުޅުމަކީ އޭނާގެ އިތުރުން ޕާޓީގެ އެއްވެސް މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ހަމަ މިމޭރުމުން ނަޝީދަށް ތާއީދުކުރައްވާ، އަދި ނަޝީދާއެކު އިސްސަފުގައި ކެމްޕޭނުގައި ހަރަކާތްތެރިވަމުންދާ ފައްޔާޒު އިސްމާއިލް ވެސް ވަނީ އިންތިހާބު ލަސްކުރުމުގެ ބަދަލުގައި އިންތިހާބު އަވަސްކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީގެ މާލީ ހާލަތު ހުރިގޮތުން ކަމަށްބުނެ އިންތިހާބު ފަސްކުރުމަށް ގަފޫރު އެދިލައްވާފައިވާއިރު، އޭނާ ވަނީ އިންތިހާބު ފަސްކުރުމަށްފަހު އިންޓެރިމް އެރޭންޖްމަންޓެއް ހަމަޖެއްސުމަށް ގައުމީ މަޖިލީހުން ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށްވެސް ލަފާދީފައެވެ. ގަފޫރުގެ މި ހުށަހެޅުއްވުމާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވަނީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީއާ ހަމައަށް ވަގުތީ ޗެއާޕާސަންގެ މަގާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގަތުމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ޖަވާބުގައި، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވުމަށް އިއުތިރާޒެއް ނެތްކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.