ކ. އަތޮޅާއި ވ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، އިބްތިދާއީ ސިއްހީ ހިދުމަތް ނުވަތަ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އަލުން ދިރުވައި އާލާކުރުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށްޓަކައި ކ. ތުލުސްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓަރު ގީލާ އަލީއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ހުރިހާ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޕްރައިމަރީ ހެލްތު ކެއާ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް (NCDs) މަދުކޮށް، އެފަދަ ބަލިތައް ކުރީބައިގައި ދެނެގަނެ، ރައްޔިތުންނާ ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. ރާއްޖޭގެ 13 އަތޮޅެއްގައި މިހާރު މި ޕްރޮގްރާމް ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ހިދުމަތް ފުޅާކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް ނުވަތަ މެޑިކަލް ހިސްޓްރީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ރިކޯޑުގައި އެ މީހަކު މިހާތަނަށް ކޮށްފައިވާ ބޭސްފަރުވާގެ މައުލޫމާތުތައް ރިކޯޑު ކުރެވޭނެއެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް، ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި، އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ފާހަގަކުރެއްވި ގޮތުގައި، މާޒީގެ ތަޖުރިބާތަކުން އެނގެނީ ޒާތީ ދިރިއުޅުމާއި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަކީ ފަރުދުންނާއި ޖަމާއަތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ ކަންކަން ކަމެވެ. އަދި އާންމު ސިއްހަތުގެ ދާއިރާގައި މީގެ ކުރިން ހޯދާފައިވާ ކާމިޔާބީތަކަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސިއްހީ ދާއިރާގައި އަބަދުވެސް އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް، ރައްޔިތުންނާއި ގާތުން އެންމެ އެކަށީގެންވާ ފެންވަރުގައި އަދި ފަސޭހަކަމާއިއެކު ލިބޭނޭ ގޮތް ކަށަވަރު ކުރުން ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަގްސަދު ހާސިލު ކުރުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުރިން ކުރިމަތިވި އެކިއެކި ރޯގާތަކާއި ގައިންގަޔަށް އަރާ ބަލިތައް ނިމުމަކަށް ގެނެވުނު އެއް ސަބަބަކީވެސް މިފަދަ އުސޫލަކުން ކުރެވުނު މަސައްކަތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 84 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި 2022 ވަނަ އަހަރުގެ "ސްޓެޕްސް ސާވޭ" އިން ދައްކާގޮތުގައި، ޒުވާނުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކު ދިރިއުޅެނީ ގައިންގަޔަށް ނާރާ ބޮޑު ބައްޔަކަށް ހުށަހެޅިދާނެ ނުރައްކަލެއްގެ ތެރޭގައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ އެކަށީގެންވާ ނިޒާމަކީ ޕްރައިމަރީ ހެލްތު ކެއާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަލިވުމަށްފަހު ފަރުވާ ހޯދުމުގެ ބަދަލުގައި، ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވައި ބަލި އަވަހަށް ދެނެގަތުމަށް ފެށި މި ނިޒާމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (WHO) އިންވެސް އެންމެ ބޮޑަށް ބާރުއަޅާ، ރައްޔިތުންނާ ގާތުން ހަމަހަމަކަމާއެކު ހިދުމަތް ދެވޭނެ އެންމެ އިތުބާރު ހުރި ނިޒާމެވެ.

ކ. އަތޮޅާއި ވ. އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު އަލުން ދިރުވައި އާލާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން "ޕްރައިމަރީ ހެލްތު ކެއާ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް" ގެ ކޮމިއުނިކޭޝަން ކެމްޕޭންވެސް ވަނީ އިފްތިތާހުކޮށްފައެވެ. މީގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.