ސިއްޙީ ދާއިރާގެ މަޝްރޫއުތައް ހިންގުމުގެ ދުވެލި އަވަސްކޮށް، ކަނޑައެޅިފައިވާ މުއްދަތަށް ނިންމާލުމުގެ ގޮތުން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މި ބަދަލާއެކު މަސައްކަތުގެ ދުވެލި ހަލުވިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ގީލާ މި ކަން ހާމަކުރެއްވީ ރޭ ކުރިއަށްދިޔަ "އަހާ ފޯރަމް" ގައި ހއ. އިހަވަންދޫއާއި ރ. މީދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ހއ. އިހަވަންދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ލެވެލް 1 ގެ ހޮސްޕިޓަލެއްކަމަށެވެ. މި މަޝްރޫއު ކުރިން 2025 ވަނަ އަހަރު ނިންމުމަށް އާރްޑީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، މަސައްކަތް ނުނިމި އެތައް ސަބަބުތަކެއް ހުރިކަމަށާއި، އަދި މިހާރު މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރު ވިދާޅުވިއެވެ.

ރ. މީދޫގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލަކީވެސް އާރްޑީސީއާ ހަވާލުކޮށްފައިވާ 30 އެނދުގެ ހޮސްޕިޓަލެއްގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ ނޮވްމްބަރު މަހަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ގީލާ ވިދާޅުވީ، ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައި އޮތީ އާރްޑީސީއާ. ނަމަވެސް އެ މަސައްކަތްތައް މިހާރު އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގެ ދުވެލިވެސް އަވަސް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ސަރުކާރުން ނިންމިކަން ހާމަކޮށްފައިވަނިކޮށެވެ. ރައީސް ޑރ. މުއިއްޒު މިކަން ހާމަކުރައްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ނިންމެވި ސަބަބު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އާރްޑީސީން މައިގަނޑު ގޮތެއްގައި ކުރަމުންދަނީ މަގުހެދުމުގެ މަސައްކަތް ކަމަށާއި، އެމްޓީސީސީއަކީ ވެސް މަގުހެދުމާއި އެހެނިހެން އުމްރާނީ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏަކަށް ވުމުން މަސައްކަތްތައް ޑުޕްލިކޭޓްވެ، ހަރަދު ވަރަށް ބޮޑުވާ ކަމަށެވެ. އެހެންކަމުން މި ބަދަލު ގެންނަނީ ހަރުދަނާ އަދި އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ