ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ހަތް ރަށެއްގެ ޖިމް ނިންމާލައިފި އެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތުގެ މަތިން މިހާރު ވަނީ ހަތް ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާފައެވެ.
އެޗްޑީސީން ޖިމް ގާއިމްކުރި 7 ރަށަކީ:
- އއ. ފެރިދޫ
- އއ. އުކުޅަސް
- އދ. ދިގުރަށް
- އދ. ފެންފުށި
- އދ. މާމިގިލި
- އދ. މަންދޫ
- ބ. ގޮއިދޫ
ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ހުރިހާ ޖިމްތަކެއްގައި ވެސް ހުންނާނީ ފެންވަރު ރަނގަޅު، ޒަމާނީ އިކުއިޕްމަންޓްތަކެއް ކަމަށް ވެއެވެ.
އެޗްޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން އަދި ނުނިމި ހުރި ޖިމްތަކުގެ މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އަމާޒަކީ، އެ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖްތަމައަށް ފައިދާ ހުރި އެފަދަ އިތުރު މަޝްރޫޢުތައް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
