ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އިހުތިޖާޖު ކުރައްވާނެކަމަށާއި ރަށްރަށަށްވެސް ގޮސް އިހުތިޖާޖު ކުރާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެ ޕާޓީން މިހާރު ކުރިއަށްގެންދާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން މިރޭ ބޭއްވި އިހުތިޖާޖުގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އޮނިގަނޑަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށާއި، މިކަން ކުރުމަށް ރައީސް މުއިއްޒާއި ސަރުކާރު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ދެން އިހުތިޖާޖު ކުރައްވާނެކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު ވަނީ ނާޒުކު ފައްތަރަކަށްގޮސްފައިކަމަށާއި މި ހާލަތުން އަރައިގަތުމަކީ ހަމައެކަނި ސަރުކާރުގެ ވާޖިބެއް ނޫންކަމަށެވެ. އެއީ އެންމެންގެ ވާޖިބެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ އެ މަގްސަދު ހާސިލުކުރުމަށް ކަމަށެވެ.
އެމްޑީޕީން މަގުތަކުގައި އިހުތިޖާޖު ކުރަމުން އަންނަނީ ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް ބުނެއެވެ.
އެމްޑީޕީން ވަނީ ސަރުކާރަށް 12 ކަމެއް އިސްލާހުކުރުމަށް ހުށަހަޅާފައެވެ. އެގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވީ، އޭޕްރީލް 4 ގައި ބޭއްވި އިންތިހާބުގެ ނަތީޖާއިން، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަން ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށެވެ.
