ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ ދެ މުދާ އުފުލާ ބޯޓަކަށް ދިން ނުރައްކާތެރި ހަމަލާއަކާ ގުޅިގެން، އިންޑިއާ ސަރުކާރުގެ ކަންބޮޑުވުންތައް ރަސްމީކޮށް އީރާނަށް ހުށަހަޅައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ބުނި ގޮތުގައި، މި ހަމަލާއާ ގުޅިގެން އީރާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ހާރިޖީ ވުޒާރާއަށް ހާޒިރުކޮށްފައެވެ.

މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ އިންޑިއާގެ ދެ ބޯޓަކަށް އަމާޒުކޮށް މިއަދުގެ ވަގުތެއްގައި ބަޑީގެ ހަމަލާތަކެއް ދީފައިވާކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން އިންޑިއާގެ ފޮރިން ސެކްރެޓަރީ އިން، އީރާނުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ އެކު މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި، އިންޑިއާގެ ކަންބޮޑުވުންތައް އީރާނުގެ ސަފީރާ ހިއްސާކޮށްފައިވާކަަމަށް އެބަޔާނުގައިވެއެވެ.

މިބައްދަލުވުމުގައި ދުނިޔޭގެ އެންމެ ބާރުބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ މި ސަރަހައްދުން ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާއިން ދޭ އަހަންމިއްޔަތުކަން ނިއު ދިއްލީން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، އިންޑިއާއަށް މިސްރާބުޖަހާފައިވާ ބޯޓުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އީރާނުން މީގެ ކުރިން ދީފައިވާ އެއްބާރުލުންވެސް މި ބައްދަލުވުމުގައި ފާހަގަކުރެވުނެވެ.

އިންޑިއާގެ ބަޔާނުގައި ބުނެފައިވަނީ، ވިޔަފާރި ބޯޓުފަހަރުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުއޮޅި މެދުވެރިކޮށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް އަލުން ގާއިމުކުރުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކަށް ބާރުއަޅާ ކަމަށެވެ. އަދި އިންޑިއާގެ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ވީ އެންމެ އަވަހަކަށް އަލުން ފަހިކޮށްދިނުމަށް އީރާން ސަރުކާރުގައި ދެންނެވުމަށް އިންޑިއާއިން އެދުނުކަމަށް ރަންދީރުގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މިބައްދަލުވުމުގައި އީރާނުގެ ސަފީރު ވަނީ އިންޑިއާގެ ކަންބޮޑުވުންތައް ތެހެރާންގެ ކަމާބެހޭ ފަރާތްތަކަށް ވަގުތުން ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފާރިސީ ކަނޑުއޮޅިއާއި އަރަބި ކަނޑު ގުޅުވައިދޭ ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއާއި ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ނާރެހަކަށް ވާއިރު، މި ސަރަހައްދުގެ ހަމަޖެހުން ގެއްލުމަކީ ދުނިޔޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެކެވެ.

ހޮރްމޫޒް ކަނޑުއޮޅީގައި އިންޑިއާގެ ދެ މުދާ އުފުލާ ބޯޓަކަށް ދިން ހަމަލާގައި އެބޯޓުފަހަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުވަތަ މީހަކަށް އަނިޔާއެއްވިކަމެއް އިންޑިއާއިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން، އިންޑިއާ ސަރުކާރުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނީޓާ ކުރަމުންނެވެ.