ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ޑޮލަރުގެ ލިކުއިޑިޓީ ވަރަށް ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މިއީ ބޭންކުގައި ބޭރު ފައިސާ ވިއްކުމުގެ ގާބިލުކަން ހުރި މިންވަރާއި، އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުން ލިބިދާނެ ފައިދާ ނުވަތަ ގެއްލުން ވަޒަންކުރާ މިންގަނޑެކެވެ. ނަމަވެސް މިއީ ބޭންކުން ޑޮލަރު ދޫކުރުމުގެ ގާބިލުކަން އަންގައިދޭ މިންގަނޑެއް ނޫނެވެ. ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި، ބޭރަށް ފައިސާ ފޮނުވުމާއި، ލޯނު ދޫކުރުން ފަދަ ކުރުމުއްދަތުގެ ޒިންމާތައް އަދާކުރުމަށް ބޭންކަށް ލިބިފައިވާ ގާބިލުކަމެވެ.

ބީއެމްއެލް އިން ބުނީ، 2020 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން އެންއޯޕީ ހުރީ ދަށް މިންވަރެއްގައި ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ އެންއޯޕީ -20 ޕަސެންޓް އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓިފައިވާ ކަމަށެވެ. މިއިން ދައްކުވައިދެނީ އެ މުއްދަތާ ހަމައަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު އިތުރަށް ވިއްކާފައިވާ ކަމަށާއި މި ހާލަތުގައި އޮތް ނުރައްކަލަކީ ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ ބޭންކަށް ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ނަމަވެސް މިއީ ބޭންކުގެ ލިކުއިޑިޓީއަށް ނުވަތަ ކަސްޓަމަރުންނަށް ފައިސާ ދޫކުރުމުގެ ގާބިލުކަމަށް އޮތް ހުރަހެއް ނޫންކަން ބޭންކުން ފާހަގަކުރިއެވެ.

މި މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެކި އިދާރާތަކާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ 'ލޯން ޕޮޒިޝަން' އަކަށް ގެނެސްފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ. މިހާރު ބޭންކުގެ އެންއޯޕީ ހުރީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަނޑަށް ވުރެ މާ ރަނގަޅު މިންވަރެއްގައި ކަން ވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ. މީގެ އިތުރުން، މިދިޔަ އަހަރު ބޭންކުން ވަނީ ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތަކަށް ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު ވިއްކާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، 2024 އިން ފެށިގެން މިހާތަނަށް އަލަށް 365 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބޭންކުން ބުނެއެވެ.

މި އަހަރުގެ މާޗް މަހުގެ 28 ގައި ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް މިދިޔަ އަހަރު ހޯދާފައިވާ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާއި ބޯޑުން ކަނޑައަޅާފައިވާ ރިސްކް އެޕެޓައިޓާ އެއްގޮތަށް ހިފެހެއްޓިފައިވާ ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަބަދުވެސް ދެފުށް ފެންނަ، ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.