ﷲ ގެ ހަޟުރަތަށް އީސާގެފާނު އުފުއްލެވިފަހުން، އީސާގެފާނުގެ ހުސް ސަންދޯއްޕުޅު ފެނުނު ދުވަހުގެ ގޮތުގައި ފާހަގަ ކުރާ 'އީސްޓާ ސަންޑޭ" ގައި ދުނިޔެއާ މުހާތަބު ކުރައްވަމުން، އީރާނުގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހޮރުމޫޒުން ތެޔޮ ބޭނުންވާ މީހުން ކަނޑުއޮޅިއަށް ދިޔުމަށް ޓްރަމްޕް އިންޒާރު ކުރައްވައިފިއެވެ.
ވިއްސަކަށް މިނެޓުގެ ދިގު ތަގުރީރު އީރާނަށް އަމާޒު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއަށް މެދުއިރުމަތީގެ ބޭނުމެއް ނެތް ކަމަށާއި އަމުދުން ހޮރުމޫޒަކީ އެމެރިކާއަށް ބޭނުން އޮތް ތަނެއް ނޫން ކަމަށެވެ.
މިހާރުވެސް އެންމެ ތެޔޮ ގިނަވާނީ އެމެރިކާގައި ކަމަށާއި، އަދި ވެނެޒުއޭލާއިން މިހާރު މިލިއަނުން މިލިއަނުން ތެޔޮ ފީފާ ލިބެމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރެކޯޑްތަކުން ދައްކާގޮތުން ދުނިޔޭގެ ތެލުގެ ރިޒާވް އެންމެ ބޮޑީ ވެނެޒުއޭލާގައެވެ. ވެނެޒުއޭލާއަކީ ލޭއޮހޮރުވުމެއް ނެތި ނަމަވެސް ވައިގެ ހަމަލާތަކުގައި 45 މީހަކު މަރާލުމަށް ފަހު، އެގައުމުގެ ރައީސް ވަގަށް ނަގައި އެމެރިކާގެ ކޮންޓްރޯލަށް ގެންގޮސްފައި ވާ ގައުމެކެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، މިހާރުވެސް އީރާނު ހަނގުރާމަ ކާމިޔާބު ވެއްޖެ ކަމަށާއި އެންމެ 32 ދުވަހުން ހަނގުރާމައިގެ ކުރިފަސް ހޯދާ، އީރާނުގެ ކަނޑުގެ ބާރުތަކާއި ވައިގެ ބާރުތަކުގެ އިތުރުން ލީޑާޝިޕް އެއްކޮށް ނައްތާލައިފައި ވާ ކަމަށެވެ. އަދި މިސައިލް ފެކްޓްރީ ތަކާއި އުމްރާނީ ވަސީލަތްތައް ނައްތާލައި ސެޓެލައިޓާއި އެނޫންވެސް ޓެކްނޮލޮޖީގެ އެހީގައި އީރާނުގެ ކޮންމެ ހަރަކާތެއް ބަލައި، ސީދާ އަމާޒަށް ހަމަލާދީ ނައްތާލާނެ ކަމަށެވެ.
މިއާއެކު އޭނާ ވަނީ، އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނުން އެއްބަސް ނުވާނަމަ ހަކަތައިގެ ވިއުގައިގެ ކޮންމެ ތަނަކަށް ހަމަލާދީ ގޮއްވާލާނެ ކަމުގެ އިންޒާރު ދެއްވައި އީރާނުގެ ހާލަތު 'ރަސޫލު ޒަމާނުގެ ކުރިއަށް' ނުވަތަ 'ސްޓޯންއޭޖަށް' ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސްޓޯންއޭޖްގެ ދުވަސް ވަރަކީ ރަސޫލުން ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ގަލާއި ހިލައިންނާއި ލަކުޑި އަދި ދަނޑިފަދަ އެއްޗެހިން ތަކެތި ހަދައިގެން އިންސާނުން ދުނިޔޭގައި އުޅުނު ދުވަސްވަރެވެ.
ޓްރަމްޕް ވިދާޅުވަނީ، އީރާނުގެ ލީޑާޝިޕް އަވާހަކަ ކޮށްލައިފައި ވުމުން މިހާރު ތިބީ އެހެން ބައެއް ކަމަށާއި އެއީ މެދުމިނުގެ ވިސްނުމުގެ ބައެއް ކަމަށެވެ. އެހެންކަމުން އެމީހުނާ ވާހަކަ ދެކެވެމުން ދާކަމަށް ވިދާޅުވަމުން މިހާރު ކުރިއަށް ދާ މަޝްވަރާތަކުގައު އެމެރިކާއިން ބޭނުންވާ ގޮތަށް އެއްބަސް ނުވެއްޖެ ނަމަ އީރާނުގެ ދުވަސް ދުއްވާލާނެ ކަމަށް ވިދާޅުވިއެވެ.
އެއާއެކު މެދުއިރުމަތީގެ ބޭނުމެއްވެސް ނެތް ކަމަށް ވިދާޅުވަމުން އޭނާ ވަނީ، އީރާނު ދިރިދެމިއޮތުމުގެ ލޭނާރު ކަމުގައިވާ ތެޔޮވަޅުތައް އަންދާ އަޅިއަށް ހަދާލާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ހޮރުމޫޒު ދިފާއު ކުރުމަކީ އެތަން ބޭނުން ކުރާ މީހުންގެ ކަމެއް ކަމަށާއި، ހަނގުރާމައަށް ފަހު އަމިއްލައަށް ހޮރުމޫޒު ހުޅުވިގެން ދިޔުން ނޫނީ، ތެޔޮ ބޭނުންވާ މީހުން އަމިއްލައަށް ގޮސް ހޮރުމޫޒުން ތެޔޮ ނެގުމަށް އޭނާ ގޮވާލެއްވިއެވެ.
އިއްޔެއާ ޖެހެންދެން އެމެމެރިކާއިން ބުނަމުން ގެންދިޔައީ، އީރާނަށް ހަމަލާ ދެނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާތީ އާއި 47 އަހަރުވީ އީރާނުގެ ލީޑާޝިޕް ބަދަލުކުރަން ކަމަށެވެ. ނަމަވެސް ރޭ ޓްރަމްޕްގެ އެޑްރެހުގައި ވިދާޅުވީ، ލީޑާޝިޕް ބަދަލުކުރާ ވާހަކަ އެމެރިކާއިން ނުދައްކާ ކަމަށެވެ.
ފަހުރުވެރިކަމާއެކު އީރާނުގެ ވަކިވަކި ލީޑަރުން އަވަހާރަ ކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2-3 ހަފްތާ ވެގެންދާނީ އާދަޔާހިލާފު ވަރުގަދަ ހަމަލާތަކެއް ދޭނެ ދުވަސްތަކަކަށް ކަމަށާއި 'ކުޅޭނެ ހުރިހާ ކާޑެއް އޮތީ' އެމެރިކާގެ އަތުގައި ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އީރާނުގެ ބާރު މުޅިންހެން ދުއްވާލެވިއްޖެ ކަމަށް ވިދާޅުވެ އޭނާ ވަނީ، އީރާނު ފަދަ ވަރުގަދަ ގައުމެއް 32 ދުވަހުގެ ތެރޭގައި ބަލިކޮށްލެވުމަކީ ފަހުރެއް ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ތިޔަ އުޅެނީ ހުވަފެނެއްގައި. އަވަހަށް ހޭލާ!