މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދަށާއި ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ސްޕުޓްނިކް ނިއުސް' ގެ ނޫސްވެރިޔާ ދަރިޔާ މަހޭޝްވާރީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ނުފޫޒު މިހާރު އިންޑިއާ ކަނޑަށް ފޯރަން ފަށާފައިވާ ކަމަށެވެ. ހާއްސަކޮށް "އައިރިސް ދޭނާ" އަޑިއަށް ދިޔަ ހާދިސާއަކީ މި ސަރަހައްދުގެ ސަލާމަތަށް އޮތް ބިރުވެރިކަމެއް ކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. ދުބާއީ އާއި މެދުއިރުމަތީގެ ދަތުރުފަތުރުގެ މަރުކަޒުތަކަށް ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް 30 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކީ ހުރިހާ އެއްޗެއް ބޭރުން އިމްޕޯޓްކުރާ ބަޔަކަށްވުމުން، ތަކެތީގެ އަގުތައް އުފުލި، ތެލުގެ އަގުވެސް މިވަނީ ބޮޑުވެފައި. މިއީ ރައްޔިތުންނަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ރާއްޖެ އޮތް ނުރައްކާތެރި ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ދަރަނިތައް ދައްކަންޖެހޭ މުއްދަތު މިއަހަރު ހަމަވާއިރު، އާމްދަނީ ދަށްވުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ފަދަ ނުރައްކާތެރި ފައްތަރެއްގައި ރާއްޖެ އޮތް ކަމަށެވެ. އަދި ސަރުކާރުން ބުނާ ދެ މަސްދުވަހުގެ ރިޒާވް ހުރި ކަމަށް ބުނާ ބުނުމާމެދު ޝައްކު އުފައްދަވައި، މިއަށްވުރެ ދިގު މުއްދަތަކަށް ފުދޭވަރުގެ ރިޒާވް ހުންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތް ކަށަވަރުކޮށްދޭ މައި ބާރަކަށް އިންޑިއާ އޮތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން އެމީހުންގެ އަމިއްލަ މަންފާއަށް ބަލައިގެން ކަންކަން ކުރާނަމަ، ދުނިޔެއަށް އަމާންކަން ނުލިބޭނެ ކަމަށާއި، އިންޑިއާއަށް މި ސަރަހައްދުގައި ސަލާމަތީ ނެޓްވޯކެއް ގާއިމުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ތެލުގެ އިތުރުން ކައްކަން ބޭނުންކުރާ ގޭސް ލިބުމުގައި ހުރި ދަތިތަކާއި، ރަޝިޔާގެ ތެޔޮ އަލުން މި ސަރަހައްދަށް ވަންނަމުންދާ ދިއުމަކީ ވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް މި އިންޓަވިއުގައި ނަޝީދު ފާހަގަކުރެއްވިއެވެ.
