ޔޫއޭއީގެ އީގަލް ހިލްސް އިން ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓް މަޝްރޫއަކީ ރަނގަޅު މަޝްރޫއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަމަށާއި، އެއާއެކު އެމްޑީޕީގެ ރަސްމީ ބަސް ލިބިފައިވާކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވަނީ ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް އިން ރާއްޖޭގައި ހިންގާ އިންވެސްޓްމަންޓް މަޝްރޫއަކީ ރަނގަޅު މަޝްރޫއެއް ކަމަށް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި، އެއީ އެކަމުގައި އެމްޑީޕީން ދެކޭ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން މި މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަވަނީ، އެ މަޝްރޫއުގެ ވެރިޔާއާ ބައްދަލުކުރުމަށް ޑިމާންޑެއް އުފެއްދުމުގެ ބޭނުމުގައި ކަމަށް ޝުޖާއު ތުހުމަތުކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އެނބޫދޫފަޅު ހިއްކިއިރު ވެސް ބަޔަކު އިދިކޮޅު ހެދި ނަމަވެސް، މިއަދު އެ މަޝްރޫއު ނިމި ގައުމަށް ބޮޑު އާމްދަނީއެއް ވަނުމުން އެންމެންނަށް ވެސް އެކަން "އޯކޭ" ވެއްޖެކަމަށް ޝުޖާއު ވިދާޅުވިއެވެ.

ސިޔާސީ ފަރާތްތަކަކީ ގައުމަށް ލިބޭ ބޮޑެތި އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ބަޔަކަށް ވާންޖެހޭނެކަން ފާހަގަކުރައްވަމުން ޝުޖާއު ވަނީ، ކަންބޮޑުވުމެއް އޮތް ނަމަ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލުކުރުމަށް ގޮވާލައްވާފައެވެ.