ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ވާދަވެރި ގައުމުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ވަދެގެން ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ތެރެއަށް ރާއްޖެ ވަނުމަކީ ގައުމުގެ މިނިވަންކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހާއްސަކޮށް، ޕާކިސްތާނާއެކު މި ސަރުކާރުން އަސްކަރީ ގުޅުންތައް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، މިއީ އަވައްޓެހި އިންޑިއާގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގެއްލި، ރާއްޖެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި މުހިންމު މަޝްވަރާތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ރާއްޖެއާ ޕާކިސްތާނާ ދެމެދު ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ދާއިރާ ހިމެނޭހެން 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކުރައްވައި، ރާއްޖޭގެ އެކި ދާއިރާތަކުގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސް ޑރ. މުއިއްޒު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
ޕާކިސްތާނާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރުމާމެދު ކުރީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ، "މޯލްޑިވްސް ފަސްޓް" މި ޝިއާރުގެ މަތީގައިކަމަށް މި ސަރުކާރުން ތަކުރާރުކޮށް ވާކާލާތުކުރެއެވެ. އަދި މި ސިޔާސަތުގެ ދަށުން އަވައްޓެރި ގައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައި، ދިވެހި ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް މަގުފަހިވާނޭ ފަދައިން، ދޭދޭ ގުޅުންތައް ބިނާކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރި މަސައްކަތްޕުޅުތަކެއް، ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާކަމަށްވެސް މި ސަރުކާރުން ފާހަގަކުރެއެވެ.
