ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކާއި އެ މަސްވެރިން ބޭނުންތައް ފުއްދައި ދިނުމަށް ކުރާ މަސައްކަތްތައް ހާސިލް ވާނެ ތާރީހުތަކެއް ބޭނުންވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.
މިއަދު ހެނދުނު 11 ޖެހި އިރު ބޮޑު ކަންނެލީގެ މަސްވެރިންނާ ފިޝަރީޒް މިނިސްތަރު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުން ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ އިރު މި ވަގުތު ވަނީ ބްރޭކްއަކަށް ބައްދަލުވުން މެދުކަނޑާލާފައެވެ. ބޮޑުކަންނެލީގެ މަސްވެިރންގެ ކަންބޮޑުވުންތައް އަޑު އަހައި މަޝްވަރާ ކުރުމަށް މުލީ ދުވަސް ވެސް ހުސްކުރައްވައިގެން ހުންނެވި ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތަފްސީލެއް ނުދެއްވި ކަމުގައި ވީ ނަމަވެސް އެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން މުހައްމަދު އާއި ބައެއް ބައިވެރިން ވަނީ "ރާއްޖެ ޓީވީ" އަށް މައުލޫމާތި ދީފައެވެ. އެ ގޮތުން އެ ބައްދަލުވުން ދިގުލައިގެން ދަނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ގިނަ ވުމުން ކަމަށާއި އަދި ވެސް ބައްދަލުވުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޔޫނިއަންގެ ފަރާތުން ބުނާ ގޮތުގައި ކަންބޮޑުވުންތައް ހިއްސާކުރީމަ އެ ކަންކަން ރަނގަޅުކޮށް ދޭނަމޭ ބުނުމަކުން ނުފުދޭނެ ކަމަށާއި ބޭނުންވަނީ އެކަންކަން ކޮށްދޭނެ ތާރީހުތަކެކެވެ. އެ ޔޫނިއަނުން ފާހަގަކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ބޮޑު ކަންނެލި މަސް ގަންނަނީ ގިނައިން އަމިއްލަ ކުންފުނިތަކުން ކަމުގައިވާ އިރު، މަސް ގަންނަ އަގު ކުޑަ ކަމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ސަބަބުން މިހާރު މަހަށް ނިކުންނަ ދޯނިތައް ވެސް މަދުވެފައިވާ ކަމަށާއި ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ ގިނަ ޒުވާނުން މަސްވެރިކަމާ ދުރަށް ޖެހިފައިވާ ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.
އަދި ބޮޑު ކަންނެލީގެ މަސްވެރިން ބާކީ ކޮށްލާފައިވާ މިންވަރު ވެސް މިނިސްޓަރު ޝިޔާމްގެ އަމަލުތަކުން ދޭހެ ވެގެން ގޮސްފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ. އެ ފަރާތްތަކުގެ ކަންބޮޑުވުންތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހއިްސާކޮށް އިހުތިޖާޖު ކުރަމުން އައި އިރު މިނިސްޓަރަށް ބައްދަލު ކުރައްވަން ވަގުތު ދެވުނީ 5 ދުވަސް ފަހުން ކަމުން އެކަމާ ހިތާމަކުރާ ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނިގޮތުގައި، މިހާރު މަޝްވަރާތައް ކުރިއަށް ދަނީ މަގުސަދު ހާސިލް ކުރެވޭ ގޮތަށެވެ. ސަބަބަކީ މަސްވެރިންގެ މައްސަލަތައް ހައްލު ވުމަކީ ގައުމުގެ އިގުތިސާދާއި "ފުޑް ސެކިއުރިޓީ" އާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
ހެނދުނު 11 ޖެހިއިރު ފެށި ބައްދަލުވުން މެންދުރު ދޭއް ޖަހަން އުޅެނިކޮށް މެދުކަނޑާލީ ލަންޗު ބްރޭކަށެވެ.
