މ. އަތޮޅާއި ލ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަހްމަދު ޝިޔާމް މަސްވެރިކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި، ހާއްސަކޮށް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން، ދެ އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ ހިސާބަކުން މިހާރު އެސްޓީއޯގެ އަގުގައި މަސްދޯނިފަހަރަށް ތެޔޮ އެޅޭނެ އިންތިޒާމު ފަހިކޮށްދެވިފައިވާ ކަމަށާއި، މިވަގުތު 14 ސައިޓަކުން ތެޔޮ ދޫކުރަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މި ހިދުމަތް އަދި ނުފެށި ވަނީ މ. އަތޮޅާއި ލ. އަތޮޅުގައި ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ދެ އަތޮޅުގައި ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ދޫކުރުމުގެ މަސައްކަތް ފެށުމަށް ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ އަތޮޅުތަކުގައި ވެސް އެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު މިހާރު ފަހިކޮށްދީފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މަސްވެރިންނަށް އެސްޓީއޯ ރޭޓްގައި ތެޔޮ ދޫކުރަން ފެށީ މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މަސްވެރިންނަށް ދޫކޮށްފައިވާ ތެލުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ޖުމްލަ 3594 ފަހަރު މަތިން މަސްވެރި އުޅަނދުތަކަށް 5 މިލިއަން ލީޓަރުގެ ތެޔޮ މިހާތަނަށް ދޫކުރެވިފައިވާ ކަމަށެވެ.
