މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެފްއެސްއެމް އާއި މިފްކޯއާ ދެމެދު ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރީ މިއަދު މެންދުރުފަހު މިފްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު އަނަސް އެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ފާތިމަތު އާޝާން އެވެ.
މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތަކުން، އެ ކުންފުންޏަށް މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެއެވެ. މިގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ދޫކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ހަމަ އެހެންމެ މި އިންތިޒާމުގެ ދަށުން ދޯނިފަހަރަށް އަޅާ ތެލުގެ ބިލަށް ފައިސާ ކަނޑާނީ އެ ދޯންޏަކުން މިފްކޯއަށް ކިރުވި މަހަށްވާ ފައިސާގެ ތެރެއިން ކަމަށް ވެއެވެ. މި އުސޫލުގެ ދަށުން މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުން ތެލުގެ ފައިސާ އުނިކުރެވޭނެ ކަމަށް ވެސް މިފްކޯއިން ވަނީ މައުލޫމާތު ދީފައެވެ.
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިންގެ ދުވަސްވީ އެދުމެކެވެ. މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރެވޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާއިރު، މި އާ އިންތިޒާމާއެކު މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ވެސް މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
