މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިދިޔަ ޖުލައި މަހު މަސްވެރިންނަށް 50 މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ ތެރޭގައި މަސްކިރުވި ޖުމްލަ 822 ދޯންޏަކަށް 49,759,961 ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައި ވަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން:

  • ކަޅުބިލަމަސް: 539 ދޯންޏަކަށް ޖުމްލަ 47,959,840 ރުފިޔާ.
  • 10 ކިލޯއިން މަތީގެ ކަންނެލި: 98 ދޯންޏަކަށް ޖުމްލަ 234,100 ރުފިޔާ.
  • 15 ކިލޯއިން މަތީގެ ކަންނެލި: 185 ދޯންޏަކަށް ޖުމްލަ 1,566,021 ރުފިޔާ.

މިދިޔަ ޖޫން މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 11.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިފްކޯއިން އިތުރަށް ބުނި ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި ބަދަލުތަކާއެކު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.