ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ދެ ގޮޑިވެސް ޕީއެންސީގެ ތާއިދާއެކު އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ލާމަރުކަޒީ ގާނޫނު ބުނާގޮތުން އެލްޖީއޭގެ ބޯޑަށް ތިން މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.

އެގޮތުން ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަންޏެވެ. އެހެންކަމުން، އޭނާ ވަނީ ވޯޓަކާ ނުލައި އިންތިހާބުވެވަޑައިގެންފައެވެ. ރަށު ކައުންސިލްގެ ގޮނޑިއަށް ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު އާއި އެމްޑީޕީގެ ފަރާތުން ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރު އެވެ. މި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓް އަލީ އަހްމަދު 314 ވޯޓާ އެކު ކުރި ހޯއްދަވާފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ.

ޑަބްލިއުޑީސީ ތަމްސީލުކުރާ ގޮނޑިއަށް ވާދަކުރެއްވީ ޕީއެންސީގެ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާ އާއި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާ (އެމްޑީޕީ) އެވެ. މިގޮތުން ޕީއެންސީގެ ކެންޑިޑޭޓް މަރްޔަމް ޒީނާ 79 ވޯޓު ހޯއްދަވާފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ނީނާއަށް ލިބިވަޑައިގަތީ 53 ވޯޓެވެ.

މި އިންތިހާބުގައި ޖުމްލަ 807 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރޭގައި ކައުންސިލަރުންގެ ތެރެއިން 544 މީހުންނާއި، ޑަބްލިއުޑީސީތަކުގެ ފަރާތުން ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް ހިމެނެއެވެ.