މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، 2023 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، މަސްވެރިންނަށް ނުދައްކާ 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ. ނަމަވެސް އެ ފައިސާ އެއްކޮށް ދައްކާ ހަލާސްކުރުމަށްފަހު، ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ނިންމި ނިންމުމަކީ ވާދަވެރިންނަށް ގަބޫލުކުރަން ދަތިވި ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި 48 ގަޑިއިރު ތެރޭ ފައިސާ ދޭން ފެށި ފަހުން، މިއަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހާ ހަމައަށް މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ވަނީ ދޫކުރެވިފައެވެ

މިދިޔަ ޖޫން މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައި ވަނީ 11.3 މިލިއަން ރުފިޔާއެވެ. އެހެންކަމުން ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު 50 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން ހަރުދަނާ ކުރަމުންނެވެ. މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިފްކޯއިން ބުނި ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި ބަދަލުތަކާއެކު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.